މޮރޮކޯގެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ ފުޓްބޯޅައިގެ ހުނަރުގެ އިތުރުން ޒާތީ ދިިރިއުޅުމަކީ ވެސް މީޑިއާގެ ސަމާލުކަން ހޯދާ ކަމެކެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު އަޝްރަފްއާއި އޭނާގެ އަންހެނުން ހިބާ އަބޫކްގެ ކައިވެނި ނިމުމަކަށް އައުމުން އެ ވާހަކަ މީޑިއާގައި އެތައް ދުވަހެއް ވަންދެން ދެކެވުނެވެ.

ވަރިވި ސަބަބާ ބެހޭ ގޮތުން ހިބާ ބުނެފައި ވަނީ ބޭވަފާތެރިކަމަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ލޯބި "މަރާލާ" ކަމެއް ކަމަށާއި އެ ދެމަފިރިންނަށް ވެސް ވީ އެފަދަ ކަމެއް ކަމަށެވެ. ހިބާގެ މި ތުހުމަތަށް ރައްދުދެމުން އަޝްރަފް އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ލޮލަށް ފެންނަ ކަންކަމަކީ ހަމައެކަނި ހަގީގަތުގެ ގޮތުގައި ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ދެމަފިރިންގެ ވަރިއަށްފަހު އެ ދެމީހުންގެ ވާހަކަ މީޑިއާގައި ނިމުމަކަށް އައިސްފައެއް ނުވެ އެވެ. އޭގެ ފަހުން ދެން ދެކެވެން ފެށީ މުދާ ބެހުމުގެ ހަބަރުތަކެވެ.

ހަބަރުތައް ބުނާ ގޮތުގައި ކައިވެނި ރޫޅުމަށްފަހު އަޝްރަފްގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބަޔަށް އެދުނެވެ. އެހެން ނަމަވެސް ޝަރީއަތުން އޭނާއަށް ލިބުނީ ހިތްދަތި ޖަވާބެކެވެ.

ބުނެވޭ ގޮތުގައި އަޝްރަފްގެ ހުރިހާ އާމްދަނީއަކާއި މުދަލެއް ހުރީ އޭނާގެ މަންމަގެ ނަން މަތީގަ އެވެ. އެހެން ކަމުން އެ މުދަލުގެ އެއްވެސް ހިއްސާއެއް ހިބާއަށް ހައްގު ނުވާނެ ކަމަށް ޝަރީއަތުން ނިންމި އެވެ.

ފްރާންސް ލީގުގެ މަޝްހޫރު ކްލަބެއް ކަމަށްވާ ޕީއެސްޖީއަށް ކުޅެމުން އަންނަ އަޝްރަފްއަށް މަހަކު އެއް މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެ އެވެ.

އެހެން ނަމަވެސް އެ އާމްދަނީއިން ބައެއް ހޯދަން ހިބާ ކުރި މަސައްކަތް ނާކާމިޔާބު ވުމުން އޭނާއަށް އާއްމުންގެ ފާޑުކިޔުމާއި މަލާމާތް ވެސް އަންނަނީ ރައްދުވަމުންނެވެ.