އޭނާއަށް ކެއްކުމުގެ ތެރެއަށް ވަދެވުނީ ބަދިގޭގައި އެއްބަނޑު އެއްބަފާ ދައްތައަށް އަތްގާތް ކޮށްދިނުމުގެ ތެރެއިންނެވެ. އޭނާގެ ދައްތައަކީ މޮޅު ކެއްކުންތެރިއެކެވެ. މިއަދު ދުނިޔޭގައި ނެތްނަމަވެސް، ކައްކާއިރު ދައްތަގެ ހަނދާންތައް އާވެ އެވެ. އެ ދައްތަގެ ކައިރިން ދަސްވެފައިވާ މީރު ކެއުންތައް ކެއްކުމަކީ މިއަދު އޭނާ އެންމެ ކުރާހިތްވާ މަސައްކަތެވެ. އޭނާގެ ކެއްކުމަށް މީހުން ކިތަންމެ ތައުރީފެއް ކުރިނަމަވެސް އަދިވެސް ދައްތައަށް ވުރެ މީރުކޮށް ކެއްކޭ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

ބ. އޭދަފުށްޓަށް ނިސްބަތްވާ އެރަށު ފެންއާރު، އަޒީޒާ އަލީއަކީ މީރުކޮށް ކައްކާ މީހެކެވެ. ދިވެހި ހަވާދުތައް އަމިއްލައަށް ހަދާ މީހުންނަށް ބަހަ އެވެ. ފަތް ތެލުލަ އެވެ. މީރުކޮށް ގަބުޅީގަ ހުނިހަކުރު ހަދަ އެވެ. އަމިއްލައަށް ރިހާކުރު ތައްޔާރުކުރެ އެވެ. ބަނބުކޭލާއި ،ހަނޑޫ އަދި ސާގުގަ މީރު ބޮނޑިބަތް ކައްކަ އެވެ. ބަނބުކޭލުގަ ތަފާތު ކާއެއްޗެހި ތައްޔާރު ކޮށްލަނީ ފަރިތަކަމާ އެކު އެވެ. ތަފާތު ވައްތަރުގެ ބަތާއި ސަޓަނި ވެސް ތައްޔާރުކޮށްލަނީ ރެސިޕީއަކާ ނުލަ އެވެ.

ކުޅި އަދި ފޮނި ހެދިކާ ހަދަ އެވެ. އޭނާ ހަވީރު ސަޔަށް ކޮންމެ ދުވަހަކު ވެސް ދެތިން ވައްތަރުގެ ހެދިކާ ތައްޔާރު ނުކުރާ ދުވަހެއް މަދުވާނެ އެވެ. އީދު ދުވަސް ފަދަ ޚާއްސަ ދުވަސްތަކުގައި ސުފުރާމަތި ފުރެންދެން ހެދިކާ ހަދައި ގާތް މީހުންނަށާއި ރައްޓެހިންނަށް ދައުވަތު ދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އީދަށް ހަދިޔާކުރާ ލުއިކާނާ ތައްޔާރު ކުރުމަށް ވެސް އޭނާ އެހާ ކުޅަދާނަ އެވެ.

އަޒީޒާގެ ކެއްކުންތަކުގައި ވަނީ އަސްލު ދިވެހި ރަހަ އެވެ. ޒަމާނީ ސޯސްތައް އަޅައިގެން ރަހަ ތަޣައްޔަރު ކުރުމަކީ ދިވެހި ރަހަތައް "މަރާލުން" ކަމުގައި އޭނާ ދެކެވެ. އޭނާ ރަހަ މީރުކުރަން އެއްކުރަނީ ދިވެހި އުފެއްދުންތަކެވެ. އޭނާގެ ގޯތިތެރޭގައި ހުންނަ ބޮޑު ބިލަމަގު ގަހުން ބިންނަ ބިލަމަގެވެ. މީރު ރިހާކުރެވެ. ދިޔާ ހަކުރާއި އަމިއްލައަށް ތައްޔާރުކުރާ ހުވަނދުމާ ފެނެވެ. ހުވަނދުމާފެން ހަދަނީ އަމިއްލަ ހުވަނދުމާ ގަހުން ތާޒާ ހުވަނދުމާ ބިނދެގެނެވެ.

ހަނޑުލުބޮޑިބަތް، އޭދަފުށީގައި ޙާއްސަ ދުވަސްދުވަހަށް ތައްޔާރުކުރާ ކެއުމެއް

ކާނާ ތައްޔާރު ކުރުމުގައި ވެސް ކާންދިނުމުގައިވެސް "ތާޒާކޮށް" ބެހެއްޓުމަށް އިސްކަންދޭ

ސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި ކާތަކެތީގެ ހޫނުކަން މަޑުވަމުން ދާވަރަކަށް، އޭގައި ޖަރާސީމު އުފެދެމުންދާ މިންވަރު ގިނަވެ އެވެ. ވީމާ ސިއްހީގޮތުން ބަލާނަމަ، ހޫނުކޮށް ހުންނަ ކާތަކެތީގައި ޖަރާސީމު ހިމެނޭ މިންވަރު ހޫނުކަމެއް ނެތް ކާއެއްޗެއްސަށް ވުރެ ދަށްވާނެ އެވެ.

ސައިންސުގެ މި ހޯދުމަށް ރިޢާޔަތް ނުކުރި ނަމަވެސް އަޒީޒާ މީހުންނަށް ކާންދޭނަމަ ތާޒާކަންމަތީ ހޫންކޮށް ހުއްޓައި ކާންދިނުމަށް އިސްކަމެއް ދޭކަން ފާހަގަ ކުރެވެ އެވެ. އެދުވަހަކު ތައްޔާރުކުރާ ކާތަކެތި އަވަށްޓެރިންނަށް ފޮނުވައިގެން ނަމަވެސް ހުސްކުރެ އެވެ. ދެވަނަ ދުވަހަކަށް ނުބަހައްޓަ އެވެ.

ކަނޑުކުކުޅު ރިހަ، ޒަމާނުއްސުރެ ކޮންމެ ހުކުރު ދުވަހަކު އޭދަފުށީގެ ގިނަ ގޭގޭގައި ކައްކާ މީރު ރިހައެއް

އޭނާ ތައްޔާރު ކުރާހެދިކާ އެއްފަހަރު ކައިފި ނަމަ ދެވަނަ ފަހަރު ވެސް ކާހިތްވާނެ އެވެ. އެހާވެސް އެ ރަހަތައް އެއްވަރުވެފައި މީރެވެ.

ހެދިކާގެ ރަހަ މީރުކުރަން ކުރާ ތަފާތުކަމަކީ ކޮބައިތޯ އަހާލުމުން ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ.

"ހުރިހާވެސް އެއްޗަކީ ތާޒާ ގިތެޔޮމިރުސް. ތާޒާ މިރުހާ ތާޒާ ވަޅޯމަހާ ލައިގެން ހެދީމަ މީރު ރަހަ ނިކުނާނެ،" އަޒީޒާ ކިޔައިދިނެވެ.

"ބަނޑުބެއްދި" އަކީ އޭނާ ހަދާ ވަރަށްމީރު އަދި ތަފާތު ހެދިކާއެއް

ބަނޑުބެއްދިއަކީ އާންމުކޮށް ވިއްކަން ހުންނަ ޕެޓީސްގެ ބައްޓަމަށް ތައްޔާރުކުރާ ތަފާތު އަދި އެހާމީރު ހެދިކާއެކެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ވެސް އޭނާގެ މިހެދިކާ މީރުކަން ފާހަގަ ކުރެވެ އެވެ. ބަނޑުބެއްދި ހަދާގޮތް ވެސް އޭނާ ކިޔައި ދިނެވެ.

"ފުރަތަމަ ތާޒާ ވަޅޯމަހާއި ތާޒާ ގިތެޔޮ މިރުސް ބޭނުންކޮށްގެން މަސްގަނޑު މޮޑޭނީ. އިނގުރު، ފިޔާ، ލުނބޯ، ހިކަނދިފަތް އަދި ހުނި ހިމަނަން ވާނެ އެއަށް. ދެން ކާށިހުނި ލައިގެން ފުށްގަނޑެއް މޮޑޭނީ. ފުށްގަނޑުން ކުދި ފުށްގުޅަ ހަދައި ފަތުރާފައި މިދިލި ނުވަތަ ބަނބުކެޔޮ ފަތެއްގައި ބާއްވާނީ. ދެން އޭގެ ތެރެއަށް މަސްގުޅަ ލައިފައި ޕެޓީޒްގެ ބައްޓަން ގެނެއްސަ، ރަނގަޅަށް ބަށްދައިފައި ތެލުލަނީ. އެއީ ބަނޑުބެއްދި ހަދާގޮތަކީ،" އޭނާ ކިޔައި ދިނެވެ.

ސަގާފީ ކަނޑުކުކުޅާއި ހަނޑުލު ބޮނޑިބަތް

އަޒީޒާގެ ކޮންމެ ހުކުރު ދުވަހަކު ކައްކާ ކަނޑު ކުކުޅާއި ހަނޑުލު ބޮނޑިބަތަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ކެއްކުމެކެވެ.

"ހުކުރު ދުވަހަށް ވަކިން ޚައްސަކޮށް ކަނޑުކުކުޅު ރިހަ އާއި ހަނޑުލު ބޮނޑިބަތް ކެއްކުމަކީ އޭދަފުށީގައި ޒަމާނުއްސުރެ ކުރަމުން އައި މިއަދާ ހަމައަށްވެސް ހިފެހެއްޓިފައިވާ ސަގާފަތެއް. ޅަހަނޑުލު ބޮނޑިބަތް ވެސް ހަދާ އެކަމަކު މީރުވާނީ ހަނރުހަނޑުލުގައި ހަދާ ބޮނޑިބަތް. ދެން މިޒަމާނުގައި ކަސްޓަޑު ވެސް ހަދަން އެއީ މިޒަމާނު ކުދިންނަށް ކަސްޓަޑު މީރުވީމަ،" އަޒީޒާ ކިޔައިދިނެވެ.

އޭނާ އިތުރަށް މީރު ހަނޑުލުބޮނޑިބަތް ތައްޔާރު ކުރާނެގޮތް ވެސް ކިޔައިދިނެވެ. މިއޮތީ އެ ރެސިޕީ އެވެ.

ހަނޑުލުބޮނޑިބަތް، ޚާއްސަ ދުވަސް ދުވަހު އޭދަފުށީގައި ތައްޔާރުކުރާ ދިވެހި ކެއުމެއް

"ހަނޑުލު ބޮނޑިބަތް ތައްޔާރު ކުރާނީ ލާއްސަކަށް ދެ ލާހި (ކޮންމެ ހަނޑޫ ލާއްސަކަށް ދެ ހަކުރުލާހި) އަޅައިގެން އާދައިގެ ފެނާއި މާފެނުގަ ކައްކާނީ.މީރުކުރަން ރާނބާފަތާއި ފޮނިތޮށި ކާފޫރުތޮޅި ވެސް ލާނެ. މަތިން ފެންގަނޑު ހިނދެންފެށީމަ ދިޔާހަކުރާއި ދޯބުރާލި ހަކުރު އަޅަނީ... ދެން ކެކި ނިމުނީމަ ބޯކިރުފޮދެއް އަޅާ ލައިފަ ބާލަނީ،" އަޒީޒާ ބުންޏެވެ.

ރޯމަހުގަ ތައްޔާރު ކުރާ ކަނޑުކުކުޅު ރިހައަށް "ކަނޑުކުކުޅު" މިނަން ދެވުނު ގޮތް ނޭނގުނު ނަމަވެސް ކަނޑުކުކުޅާއި ބޮޑިބަތަކީ ކުރީޒަމާނުގައި ހާއްސަ މުނާސަބަތުތަކާއި ދީމާކޮށް ކައްކާ ކެއުމެއް ކަމުގައި އޭނާ ބުންޏެވެ. އެ ޚާއްސަ ދުވަސްތަކަކީ ރަޖަބު މަހުގެ 27 ވަނަ ދުވަހާއި، ބޮޑު އީދު، ކުޑައީދު އަދި ޝައުބާން މަހުގެ 15 ވަނަދުވަހާއި އަދި މައުލޫދު ކިޔާ ދުވަސް ފަދަ ދުވަސްތަކެވެ. މީގެ އިތުރުން ހައްސަ (600 މަސް) ބާނާ މަސްދޯނިތަކަށް ތައްޔާރުކުރާ ފަރިވަޅުގައި ވެސް ހަނޑޫ ބޮނޑިބަތާއި ހަނާކުރިމަސް ހިމަނާކަން އޭނާ ފާހަގަކުރި އެވެ.

އަޒީޒާ ކަނޑު ކުކުޅުރިހަ ކެއްކުމަށް ވަރަށް ފަރިތަކަން ހިއްސާކުރި މައުލޫމާތުން ވެސް ދޭހަވެ އެވެ.

"ރޯމަސް ދިގުކޮށް ތުނިކޮށް ބުރިކޮށްފައި، އޭގެ އެތެރެއަށް ލުނބޯހުތްޖަހާ އެއްކޮށްފައިވާ ވާ ހަވާދު ބޯކޮށްހާކާނީ. ދެން މަސް ރޯލްކޮށްލާފައި ތުނި ފަންކޮޅަކުން ބަނދެލާނީ. އެމަސްތައް އަޅާނީ ހޫނު ކެކިކެކި ހުރި ފެންކިރު ތެރެއަށް. ދެން ހެޔޮވަރު ވަރަކަށް ހަވާދުއަޅައިގެން ކައްކާނީ . މަސްތަށް ރޯފިލުމުން ބޯކިރުއަޅާނީ،" އަޒީޒާ ގެ މީރު ކަނޑު ކުކުޅު ކައްކާގޮތް ހިއްސާކޮށްލަމުން ބުންޏެވެ.

ކެއްކުމަކީ އަޒީޒާގެ ހިތްހަމަޖެހުމެވެ. އެމަސައްކަތުން އޭނާއަށް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބެ އެވެ.