މެލޭޝިއާ އެއާލައިންސްގެ ފްލީޓުގައި ހިމެނޭ އެއާބަސް އޭ350-900 މަރުކާގެ މަތިންދާ ބޯޓެއްގެ އިންޖީނުގައި މައްސަލައެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެކަން ހައްލުކުރެވިފައިވާ ކަމަށް މެލޭޝިއާ އެއާލައިންސް އިން ބުނެފި އެވެ.
މެލޭޝިއާ އެއާލައިންސްގެ އޭ350-900، ޓްރެންޓް އެކްސް ޑަބްލިއުބީ-84 ފްލީޓް ދާދި ފަހުން ރައްކާތެރިކަމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއިއެ އިންސްޕެކްޝަންގައި އެއް މަތިންދާބޯޓެއްގައި ހައި ޕްރެޝަރު ފިއުލް ހޮޅިއަށް ދިމާވެދާނެ މައްސަލައެއް ދެނެގަނެވިފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި މި މައްސަލަ ހުރިކަން އެނގުމާއެކު މައްސަލަ ހައްލުކޮށް މެއިންޓެނެންސް ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން މަތިންދާބޯޓު އެއްކޮށް ރަނގަޅުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސަލާމަތާއި އިތުބާރު ހިފެހެއްޓުމަކީ އެ އެއާލައިންގެ އޮޕަރޭޝަންތަކުގެ މައިގަނޑު އަސާސް ކަމަށާއި، ފަސިންޖަރުންނާއި ކުރޫއިންނަށް އަޅާލުމުގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރު ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އެ އެއާލައިނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ހޮންގްކޮންގުގެ ކެތޭ ޕެސިފިކްގެ ޒިއުރިކް އަށް ދަތުރުކުރާ A350-1000 ގެ މަތިންދާ ބޯޓެއް އުދުއްސާލިތާ ކުޑައިރުކޮޅެއް ތެރޭގައި އެނބުރި ސިޓީގައި ޖައްސަން ޖެހުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން A350ގެ 48 މަތިންދާބޯޓް ގުރައިންޑްކޮށް ވަނީ އިންސްޕެކްޓް ކޮށްފަ އެވެ.
ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) އިން ބުރާސްފަތި ދުވަހު ބުނީ އޭ350-1000 މަރުކާގެ މަތިންދާބޯޓުގެ އިންޖީނު ފެއިލްވީ ހައި ޕްރެޝަރު ފިއުލް ހޮޅި ފެއިލްވުމުގެ ސަބަބުން ކަމަށެވެ.
އީއޭއެސްއޭ އިން ބުނީ ފްލައިޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފްލައިޓް އިންޖީނުގައި އަލިފާން ރޯވި ކަމަށާއި އެ އަލިފާން ގަނޑު ވަގުތުން ނިއްވާލާފައިވާ ކަމަށެވެ.
އެއާލައިންތަކަށް އެޑްރެސްކޮށް އީއޭއެސްއޭ އިން ނެރުނު އިމަޖެންސީ އެންގުމުގައި ވަނީ ރޯލްސް-ރޮއިސް އިން އުފައްދާފައިވާ އެކްސްޑަބްލިއުބީ-97 އިންޖީނުތަކުން ދުއްވާ އޭ350-1000 މަރުކާގެ މަތިންދާބޯޓުތައް އިންސްޕެކްޓް ކުރުން ލާޒިމްކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ 86 މަތިންދާ ބޯޓެއް ހިދުމަތް ދެމުން އަންނަ ކަމަށް އީއޭއެސްއޭ އިން ބުނެ އެވެ.
އެއާބަސް އޭ350 ގެ މަތިންދާބޯޓަކީ ޔޫރަޕްގެ މަތިންދާބޯޓު އުފައްދާ އެއާބަސް ކުންފުނިން އުފައްދާ ބޯޓުތަކެކެވެ.