ޓެކްސީގެ ހިދުމަތް ދޭން ބޭނުން ކުރާ ވެހިކަލްތައް ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކޮށް ލައިސަންސް ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތި ވެސް ޓެކްސީ ހިދުމަތް ދެވޭ ގޮތަށް މީގެ ދެ އަހަރުކުރިން ޓެކްސީ ގަވައިދަށް ގެނައި އިސްލާހުގައިވެ އެވެ.

2022 ވަނަ އަހަރުން ފެށިގެން އެ ގަވައިދަށް އަމަލު ކުރަމުން އައި ނަމަވެސް، މިދިޔަ ހަފްތާގައި ޓްރާންސްޕޯޓުން ގެޒެޓުކުރި އާ އިސްލާހުގައިވާ ގޮތުން މީގެ ފަހުން ކާރު ޓެކްސީ ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަންޏެވެ.

މީގެ އިތުރުން ޓެކްސީ ކުރުމަށް އެދި ލައިސަންސް ހޯދަން ހުށަހަޅާއިރު، ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީވެފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެކަމަށްވެސް އެ ގަވާއިދުގައިވެ އެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް ޓެކްސީ ލިބުމުގެ ދަތިކަން އިންތިހާއަށް އޮތްއިރު، މި އިސްލާހާއެކު ޓެކްސީ ހޯދުން އިތުރަށް އުނދަގުވާނެކަމަށް ބެލެވެ އެވެ.