ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަންއާއި ކެޓްރީނާ ކައިފްއަކީ ބެލުންތެރިންގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ ޖޯޑެކެވެ.

އަނެއްކާ ވެސް ބެލުންތެރިންނަށް މިވަނީ އެމީހުންގެ އެންމެ "ލޯބި ޖޯޑު" އެކުގައި ޓީވީގެ ސްކްރީނުން ބަލާލުމުގެ ފުރުސަތު ލިބިފަ އެވެ.

މިފަހަރު އެދެމީހުން އެކުގައި ފެނިފައި މިވަނީ ރާޑޯ ބްރޭންޑްގެ އިޝްތިހާރަކުންނެވެ. އެ އިޝްތިހާރުގައި ވެސް އެ ދެމީހުންގެ "ކެމިސްޓްރީ" ރަނގަޅަށް ފެނިގެންދިޔަ އެވެ.

ކަޅު ކުލައިގެ ގަމީހެއްގައި ރިތިކް ފެންނައިރު ކެޓްރީނާ ހުރީ ރަތް ކުލައިގެ ހެދުމެއް ލައިގެންނެވެ. އެ ދެމީހުން އެކުގައި އެ އިޝްތިހާރަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެ އެވެ.

https://www.instagram.com/p/DAJKnHkMvao/?utm_source=ig_embed&ig_rid=da66e557-368d-4228-a9f4-bf1778f5fb2e

ރާޑޯގެ އެ ކެމްޕެއިން ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ކެޓްރީނާ ވެސް ވަނީ އެ ޕޯސްޓު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާ ކޮށްފަ އެވެ.

މީގެ ކުރިން އެ ދެތަރިން އެކުގައި "ޒިންދަގީ ނާ މިލޭގީ ދޯބާރާ"އާއި "ބޭންގް ބޭންގް"އިން އެކުގައި ފެނުނުއިރު އެ ދެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ރިތިކްއާއި ކެޓްރީނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ރިތިކް މިހާރު މަސައްކަތް ކުރަނީ އޭނާގެ ފިލްމު "ވޯ 2"ގަ އެވެ. ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނާނީ "ޖީލޭ ޒަރާ"އިންނެވެ.