މިއަދު ޖުމްލަ 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 6،170 މީހަކު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން 103 މީހަކު، އަތޮޅުތެރެއިން 9 މީހަކު، ރިސޯޓްތަކުން ޖުމްލަ 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 125 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،919 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،595 ގައި މިހާރު ހުރިއިރު 18،253 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 2،186 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 3،984 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން 157،813 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 91،279 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ ޖުމްލަ 66،534 މީހުންނެވެ.