ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރުމުގެ ގޮތުން ސެޓެލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް އަންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީ ޕީއެސްއެމުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ދާދި އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އުފައްދައިގެން މަސައްކަތްކުރަމުންދާ ޒުވާނުންތަކެއް ޑިފެންސް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިމަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިބަލަނީ، އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން ނުވަތަ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގައި، އިރާދަކުރެއްވިއްޔާ ސެޓެލައިޓް މެދުވެރިކޮށްވެސް ބެލޭނެ ނިޒާމެއް ގާއިމްކުރަން. މިކަންކަން ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ޒިންމާ އުފުލައި އަޅުގަނޑުމެންގެ ސަރަހައްދުންވެސް ސުލްހަވެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުން،" ޣައްސާން ވިދާޅުވި އެވެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް މިއަހަރު ކުރީކޮޅު ޑްރޯންތަކެއް ވަނީ ގެނެސްފަ އެވެ. އެހެން ނަމަވެސް އެޑްރޯންތައް ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބަލަހައްޓާކަމެއް މިހާތަނަށް އެނގިފައިނުވެ އެވެ. އާއްމުކޮށް މީހުންނާއި އުޅަނދު ގެއްލިގެން ހޯދަނީ ކޯސްޓްގާޑާއި މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.