ހުދު ހާލުފޮޅިއަކީ ކުޅުދުފުށީގެ ރަމްޒީ ކާއެއްޗެއް. ކުރިން މުޅިން ވެސް ހުދުކުލައިން ތައްޔާރު ކުރެވުނު ހާލުފޮޅި މިހާރު އެކި ކުލަކުލައިން ލިބެން ހުރޭ. ހާލުފޮޅީގައި ކުލަޖެއްސުމުން ވަރަށް ރީތި. ކުލަ ހާލުފޮޅި ގަނެގެން މީހުން ބޮކޭ ހަދައިގެން އީދު ދުވަސް ދުވަހު އެކަކު އަނެކަކަށް ހަދިޔާކޮށްވެސް އުޅޭ.

ހދ. ކުޅުދުފުށީގެ ރަމްޒީ ކާނާއެއްގެ ގޮތުގައި ބެލެވޭ ހުދު ތުނިފޮޅި ނުވަތަ ހުދު ހާލުފޮޅީގެ ކުލަ ބަދަލުވެއްޖެ އެވެ. މުޅިން ވެސް ހުދު ކުލައިގައި ފެނުނު އަދި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ހާލުފޮޅި މިހާރު އެކި ކުލަކުލައިން ލިބެން ފަށައިފި އެވެ.

ހާލުފޮޅި އެޅުމަށް މަޝްހޫރު އަދި އެ މަސައްކަތުގެ ގިނަތަޖުރިބާހުރި އެކަކު ކަމަށްވާ ކުޅުދުފުށީ ޕިންކް ރޯސް، ޒީނިޔާ ހަސަން ބުނިގޮތުގައި ހާލު ފޮޅީގައި ކުލަޖައްސަން ފެށީ އެ ގަންނަ މީހުންގެ އެދުމުގެ މަތިންނެވެ.

"ރަށު ކުދިން ބުނެގެން ހަމަ ކުލަ ޖައްސާލީ. އޭގެ ރަހައަކަށް ނުވަތަ ވަހަކަށް ވެސް ބަދަލެއް ނާންނާނެ،" ކުލަޖައްސަން ފެށިގޮތް ކިޔައިދެމުން ޒީނިޔާ ބުންޏެވެ.

ހާލުފޮޅީގައި ކުލަޖެއްސުމުން ވަރަށް ރީއްޗެވެ. އެފޮޅިތަކުގައި ވަނީ ވިއްސާރަ ދުނީގައި ހިމެނޭ ކުލަތަކެވެ. ދަރު އުނދުން މަތީ ހޫނު ތަތްނުލަވާ ތަވާގައި ފިހާ މި ހާލުފޮޅިތައް ތައްޔާރުކުރަނީ ހަނޑޫ ހިމުންކޮށް މުގުރައިގެން، އެއަށް ބިހާއި ހަކުރު އެއްކޮށްގެންނެވެ. ދެން އެފުށްގަނޑު ފުރާނާލަ އެވެ. ފުރާނާލާފައިވާ ފުށްގަނޑު ހުންނަނީ ދިޔާކޮށެވެ. ކުލަ ޖައްސަން ބޭނުންނަމަ، ކުލަ ޖެއްސުމަށްފަހު އުނދުންމަތީގައިވާ ހޫނު ތަވާ ތެރެއަށް ފުށްގަނޑުން އެތިކޮޅެއް އަޅާލުމަށްފަހު، ތަވާގެ އުޅާގައި ހިފާފައި އަނބުރާލުމުން ފޮޅިހެދެން ފަށަ އެވެ.

"އާންމުކޮށް މިހަދަނީ ހުދު ހާލުފޮޅި. އެންމެބޮޑަށް ވިކެނީވެސް ހުދު ކުލައިގެ ހާލުފޮޅި،" އެއްގަޑިއިރުގެ ތެރޭގައި 50 ފޮޅި ފިހެލާ ޒީނިޔާ ކިޔައިދިނެވެ.

ޒީނިޔާ ބުނިގޮތުގައި އެ ރަށުގައި ކުލަ ހާލުފޮޅިން ބޮކޭ ހަދައިގެން އީދު ދުވަސް ދުވަހު އެކަކު އަނެކަކަށް ހަދިޔާކޮށް ވެސް ހަދަ އެވެ. މީރު ހާލުފޮޅި ހުހާ ވެސް އަދި ގެރިކިރާ ޖަހައިގެން ވެސް ކައިހަދަ އެވެ.