ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، ހަވީރު ނޫހުގެ ހިއްސާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، ހިއްސާ ބެހުމުގެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ބެއްލެވުމުގެ ދަށުން ހިންގަމުން އައި ހަވީރުގެ ނޫހުގެ މައްސަލާގައި ހައި ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރީ އެ ނޫހުގައި އިތުރު ތިން މީހެއްގެ ހިއްސާ އެބައޮތް ކަމަށެވެ. އެއީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމެވެ. އެ ހުކުމުގެ ދަށުން، ހަވީރުގެ ހިއްސާ ބެހުމުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅުމުން އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމުން ރިވިއު ކުރަން ޒާހިރުގެ ފަރާތުން ދާދިފަހުން ހުށަހެޅުއްވުމުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޒާހިރުގެ އެދިވަޑައިގަތުމަކަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހައި ކޯޓުގެ ހުކުމުގެ ދަށުން ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލުމަށާއި އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅުމުގެ އިތުރުން އެފަދަ އިތުރު މައްސަލައެއް ބަލައިނުގަތުމަށް އަންގާ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އަންގާ ކަމަށެވެ. އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.