ނޫޑްލްސް އަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި އެންމެ ގިނައިން ކައި އުޅޭ އެއް ކާނާ އެވެ. ކޮންމެ ދުވަހެއްގެ ވެސް ކެއުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެކެވެ.
ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ ރަހަ މީރުކޮށް ކައްކާލެވޭ ނޫޑުލްސް އަކީ ގިނަ ބަޔަކަށް އެންމެ މީރު ކާނާ ވެސް މެ އެވެ.
އެކަމަކު ނޫޑުލްސް ކިތަންމެ މީރުވެފައި ކައްކާލަން ފަސޭހަވި ނަމަވެސް ނޫޑުލްސް އަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ހާއްސަކޮށް އެއްޗެއް ނުކައި ހުސްބަޑާއި ހުރެ ނޫޑްލްސް ކެއުން ރައްކާތެރި ނޫން ކަމަށް ސިއްހީ މާހިރުންގެ މި ހޯދުންތަކުން ދައްކަ އެވެ.
މި ހޯދުންތަކުން އެނގޭ ގޮތުގައި ނޫޑްލްސް އަކީ ހަޖަމްވުމަށް ގިނަ ވަގުތު ނަގާ އެއްޗެކެވެ. އެކަމުގެ ސަބަބުން ސިއްހަތަށް އެތަކެއް ގެއްލުންތަކެއް ވާކަމަށް އެ ހޯދުންތަކުގައިވެ އެވެ.
އެމެރިކާގެ މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ދައްކާ ގޮތުގައި ފިހާރަތަކުގައި ވިއްކަން ހުންނަ ނޫޑްލްސް ކާތާ އެތައް ގަޑިއިރެއް ފަހުން ވެސް ބަނޑުގައި ހަޖަމް ނުވެ ހުރެ އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހާމަކޮށްފައިވާ ގޮތުގައި އާންމުކޮށް ކޮންމެ ދުވަހަކު ހެން ނޫޑުލްސް ކާނަމަ ހަށިގަނޑުގައި ޓިއުމަރު އުފެދި ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ. އެގޮތުން ނޫޑްލްސް ގިނަ ދުވަހު ބެހެއްޓުމަށްޓަކައި އަޅާފައިވާ ޓާޓިއަރީ- ބުޓީލް އަކީ ބަލިޖެހުމަށް މަގުފަހިކުރުވާ އަދި ހަށިގަނޑުގެ ގުނަވަންތައް ބާރުދެރަކޮށްލާ މާއްދާއެކެވެ. މި މާއްދާއަކީ އާންމުކޮށް ސެންޓު އުފެއްދުމުގައި ބޭނުން ކުރާ މާއްދާއެއް ކަމަށް ހޯދުންތަކުގައިވެ އެވެ.
ހަމަ އެހެންމެ ދުންފަތުގެ އުފެއްދުންތަކުގައި ހުންނަ ކެމިކަލެއް ކަމުގައިވާ ޕްރޮޕްލީން ގްލައިކޯލް ނޫޑުލްސްގައި އެކުލެވޭ ކަމަށް ވެސް ސިއްހީ މާހިރުން ބުނެ އެވެ.
މީގެ އިތުރުން ވެސް ހަށިގަނޑަށް ގެއްލުން ހުރި އެތައް ކެމިކަލް އެއް ނޫޑުލްސް އުފެއްދުމުގައި ބޭނުންކުރާ ކަމަށް ތަފާތު ހޯދުންތަކުން ދައްކަ އެވެ.
އެހެންވުމާއެކު ނޫޑްލް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދީފައިވެ އެވެ.