މި އަހަރުގެ މިހާތަނަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓް އިތުރުވެއްޖެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިިފ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ޗައިނާއިން ރާއްޖެއަށް ވަނީ 52،107 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 27.4 ޕަސެންޓް އިތުރު އަދަދެކެވެ. މި މުއްދަތުގައި މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް އައިސްފައި ވަނީ 40،892 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ.
ޗައިނާގެ އިތުރުން ޓޫރިސްޓުންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ގައުމުތަކަކީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، އަދި ޖަރުމަނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 318،190 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 294،923 ފަތުރުވެރިންނާ އަޅާ ބަލާއިރު 7.9 ޕަސެންޓްގެ ކުރިއެރުމެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.