މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެނާޖީ މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދޭން ނިންމީ ރަމަޟާން މަހަކީ އާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހަކަށްވުމުން، ރައްޔިތުންގެ އަތުން ހިންގާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު މިކަމަށް ޖުމްލަ 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެ ކަމަށެވެ.

"ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ. ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ،" ޑރ. މުއާވިޔަތު ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ކަރަންޓު ހަރަދު ބޮޑު އާލަތްތައް ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ.

މިދިޔަ އަހަރު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިން ކަމަށް ސަރުކާރުން ބުންޏެވެ. އެކަމަށް 130 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް މިދިޔަ ރޯދަ މަހުގެ ކަރަންޓާއި ފެން ބިލް އައިއިރު، ގިނަ ގޭބިސީތަކަށް ކުރީ ފަހަރުތަކަށް ވުރެ ބޮޑު ކަމުގެ ޝަކުވާ ލިބިފައިވެ އެވެ.