ރަމަޟާން މަހަކީ އަހަރުމެންގެ ބަދިގޭގެ ސުފުރާތައް އެކި ކަހަލަ ރަހަތަކުން ފަޅުފިލުވާލަން ކޮންމެ އާއިލާއަކުން ވެސް މަސައްކަތްކުރާ މަހެކެވެ.

މިއަދުގެ ރޯދަ މަލާފަތް ސެގްމެންޓްގައި މި ގެނެސްދެނީ ދިވެހި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ދިވެހިވަންތަ ކެއުމެކެވެ.

ބޭނުންވާ ތަކެތި

ބަނބުކެޔޮ މަޑުކުރަން

  • 1/2 ބަނބުކެޔޮ (ކަރުގަނޑު ސާފުކޮށް 1/2 އިންޗި އެތިކޮޅުތަކަށް ކޮށާފައި)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 3/4 ޖޯޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
  • 4 ޖޯޑު ފެން
  • 2 ރާނބާފަތް
  • 8 ހިކަނދިފަތް
  • 1/3 ލޮނު

ހަވާދު ފުނޑަން

  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 3 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 1/2 އިންޗި އިނގުރު (ތުނިކޮށް ކޮށާފައި)
  • 1/2 މޭޒުމަތީ ސަމުސާ ދިރި
  • 1/2 މޭޒުމަތީ ސަމުސާ ދަވިއްގަނދު
  • 1 މޭޒުމަތީ ސަމުސާ ކޮތަނބިރި
  • 5 ހިކި މިރުސް
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 1/2 ސައިސަމުސާ ރީނދޫ
  • 1/2 އިންޗި ފޮނިތޮށި
  • 2-3 ކާފޫރު ތޮޅީގެ އޮށް
  • 1 ޖޯޑު ހުނި
  • 5 ހިކަނދި ފަތް

ރިހަ ކައްކަން

  • 1/2 ގިތެޔޮ މިރުސް
  • 1 ޖޯޑު ފެންކިރު
  • 1 މޭޒުމަތީ ސަމުސާ ރިހާކުރު
  • 1/4 ޖޯޑު ބޯކިރު
  • 1/2 ލުނބޯ
  • 1 ސައިސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. ތެއްޔަކަށް ފެންފޮދު އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ކެކިގަތުމުން ބަނބުކެޔޮ މަޑުކުރަން ބޭނުންކުރާ ހުރިހާ ބާވަތެއް އަޅާލުމަށްފަހު 20 ވަރަކަށް މިނެޓު ކައްކާށެވެ. ދޭތެރެ ދޭތެރެއިން ބަނބުކެޔޮ މަޑުވެއްޖެތޯ ބަލާލަންވާނެ އެވެ.
  2. ހަވާދު ހަދަން ބޭނުންކުރާ ބާވަތްތައް ތަަަވައަކަށް އެޅުމަށްފަހު އުނދުން މައްޗަށް އުދައި ހަވާދު ކުލަ އަރައި ރޯ ފިލަންދެން ހަނާ ކުރާށެވެ. އެއަށްފަހު އުނދުން މަތިން ބާލާށެވެ.
  3. ހަނާކުރި ހަވާދުގަނޑު ހިހޫ ވުމުން މިކްސްޗަރުން އެ ފުނޑާލާށެވެ. ހަވާދުގަނޑު އޮލަވެ އޮމާން ވަންދެން ކުޑަ ފެންފޮދެއް އަޅަމުން ގެންދެވިދާނެ އެވެ.
  4. މަޑުކުރި ބަނބުކެޔޮ ތެއްޔަށް ގިތެޔޮ މިރުހާއި ހަވާދުގަނޑު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ދެތިން މިނެޓު ކައްކާލުމަށްފަހު ފެންކިރު އަޅައި އިތުރު 5 މިނެޓު ކައްކާށެވެ.
  5. އެއަށްފަހު ބޯކިރު ފިޔަވައި ބާކީހުރި ރިހަ ކައްކަން ބޭނުންކުރާ ބާވަތްތައް ތެއްޔަށް އަޅާލުމަށްފަހު އެއްކޮށް ރަނގަަޅަށް ކައްކާށެވެ.
  6. ރަހަ ބަލާލުމަށްފަހު ލޮނުރަހައާއި ކުޅިރަހަ ފަދަ ރަހަތައް ބޭނުން ވަރަކަށް ހެޔޮވަރު ކުރެވިދާނެ އެވެ. އެންމެ ފަހުން ބޯކިރު ކޮޅު އަޅައި ރިހަގަނޑު އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.