ހުރިހާގެ "ރޯދަ މަލާފަތް" ސެގްމެންޓްގެ މަގްސަދަކީ ކިޔުންތެރިންނަށް ދިވެހިންގެ ރަހަތަކާ ގުޅޭ ތަފާތު ކެއުންތަކުގެ ރެސިޕީތައް ގެނެސްދިނުމެވެ.
އެގޮތުން މިފަހަރު މި ގެނެސްދެނީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކެއުމެކެވެ. ރޮށި ނުވަތަ ބަތާއެކު އިންސާފު ކޮށްލަން މި ރިހަ ރަނގަޅުވާނެ އެވެ.
ބޭނުންވާނެ ތަކެތި
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 1 ލޮނުމެދު (ޗިސްކޮށްފައި)
- 1/4 އިންޗީގެ އިނގުރު ކޮޅެއް (ޗިސްކޮށްފައި)
- 200 ގްރާމް ކަނޑު މަސް (1 އިންޗީގެ ބޮޑުމިނަށް ކިއުބްކޮށް ކޮށާފައި)
- 1/2 ޖޯޑު ހުނި
- 1/4 ސައި ސަމުސާ ރީނދޫ
- 1 ސައި ސަމުސާ މުގުރި ދަވިއްގަނދު
- 1 ސައި ސަމުސާ މުގުރި ދިރި
- 5 ހިކަނދިފަތް
- 1 ސައި ސަމުސާ ލޮނު
- 2 ކާފޫރުތޮޅި
- 1/2 ސައިސަމުސާ އޯބަތް
- 1 އިންޗީގެ ފޮނިތޮށި ކޮޅެއް
- 1 ޖޯޑު ފެން
- 3 އިންޗި ރާނބާފަތް
- 1 ގިތެޔޮ މިރުސް (ކޮށާފައި)
- 1/2 ޖޯޑު ބޯކިރު
ތައްޔާރު ކުރާނެ ގޮތް
- ބޯތަށްޓަކަށް އިނގުރު، ލޮނުމެދު، ހުނި، ދަވިއްގަނދު، ދިރި އަދި ކޮށާފައި ހުރި ފިޔާގެ ދެބައިކުޅަ އެއްބައި އަޅައި ރަނގަޅަށް މޮޑެލުމަށްފަހު ހިކަނދި ފަތާއި ފޮނިތޮށްޓާއި ކާފޫރު ތޮޅިއާއި ލޮނާއި އޯބަތް އެއްކޮށް ކުޑަ ފެން ފޮދަކާއެކު މިކްސްޗަރުން ފުނޑައި ހަވާދު ގަނޑަކަށް ހަދާށެވެ.
- އުނދުން މައްޗަށް ތެލި އުދުމަށްފަހު ރާނބާ ފަތް، ގިތެޔޮ މިރުސް، ފެން އަދި ހަވާދުގަނޑު އަޅައި މެދު ގިނީގައި ކައްކާށެވެ. ބޮކިޖަހާ ކެކެން ފެށުމުން މަސްކޮޅު އަޅައި ރޯ ފިލަންދެން ކައްކާށެވެ.
- މަސްކޮޅު ރޯފިލުމުން ބޯކިރު ކޮޅާއި ބާކީހުރި ފިޔާކޮޅު އަޅައި އިތުރު ފަސްވަރަކަށް މިނެޓު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ. ބޭލުމުގެ ކުރިން ލޮނުރަހަ ހެޔޮވަރު ކޮށްލަން ވާނެ އެވެ.