ދުންފަތާ ދުރުވުމަށް ބޭނުންކުރާ ޕެޗްތަކުގެ ސަބަބުން އިތުރު ގެއްލުމެއް ދަރިފުޅަށް ނުވާ ކަމަށާއި މާބަނޑު އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ލަފާދެއްވައިފި އެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ޑރ. ފައިސަލް ވަނީ، މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދަރިފުޅަށް ގެއްލުން ލިބިދާނެކަމާ މެދު ހޯދުންތެރިންގެ ރިސާޗެއް ވެސް ހިއްސާކުރައްވާފަ އެވެ.

"މާބަނޑު ދުވަސްތަކުގައި ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރާމީހުން، އެކަމުން ދުރުވުމަށް ބޭނުންކުރާ ޕެޗްތަކުގެ ސަބަބުން އިތުރު ގެއްލުމެއް ދަރިފުޅަށް ނުވާކަމަށް ދިރާސާއިން ދައްކާ. ހުއްޓާލަން މަސައްކަތް ކޮށްލަމާ!" ޑރ. ފައިސަލް އިލްތިމާސްކުރައްވާފައިވެ އެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް ބޭނުންކުރެވޭ ނިކޮޓިން ރިޕްލޭސްމެންޓް ތެރަޕީ، ވަރެނިކްލައިން އަދި ބިއުރޯޕިއޯން ފަދަ ބޭސްތަކުގެ ސަބަބުން ދަރިފުޅަށް އިތުރު ގެއްލުމެއް ނުވާ ކަމަށް ފަހުގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން މާބަނޑު އަންހެނުން ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމަށް މި ޕެޗްތައް ބޭނުންކުރުމަކީ ރައްކާތެރި ގޮތެއްކަމަށް އޭނާ އިރުޝާދު ދެއްވާފައިވެ އެވެ.

ގްލޯބަލް ސްޓޭޓް އޮފް ޓޮބޭކޯގައި ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އަންހެނުންގެ ތެރެއިން 6 އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އަދި މީގެ ތެރޭގައި މާބަނޑު އަންހެނުން ހިމެނޭއިރު، މިކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާއިރު، މާބަނޑު ދުވަސްވަރު ދުންފަތުގެ ބޭނުން ކުރުމުން ދުރުހެލިވުމަށް ސިއްހީ މާހިރުން އަބަދުވެސް ލަފާދެ އެވެ.