ފަލަސްތީނަށް ޗައިނާގެ ސިނޮޕާމް އިން އުފެއްދި ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފި އެވެ.

ފަލަސްތީނަށް މިދިޔަ ހޯމަ ދުވަހު އެ ވެކްސިން ހަދިޔާކުރީ އެ ގައުމުގެ ސިއްހީ ހިދުމަތްތެރިންނާއި ނެވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންޖެހުން އަވަސްކުރުމަށެވެ.

ފަލަސްތީނުގެ ހެލްތު އޮތޯރިޓީންއަށް އިޒްރޭލާއި ރަޝިއާ އަދި ޔޫއޭއީން ވެކްސިން ދިން ނަމަވެސް 5.2 މިލިއިން މީހުންނަށް ޖަހާ ވަރަށް ވެކްސިން ލިބިފައެއް ނުވެ އެވެ.

ފަލަސްތީނުގެ 69،000 މީހުންނަށް މިހާތަނަށް ފުރަތަމަ ޑޯޒް ޖެހިފައިވާ އިރު 7،600 މީހުންނަށް ދެވަނަ ޑޯޒް ވެސް ދީފައިވެ އެވެ.

އިޒްރޭލުގައި ވެކްސިން ޖެހުން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަކަމުގައި ވިޔަސް އެ ގައުމަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުމާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ އެ ގައުމުން ބާރުފޯރާ ހިސާބުތަކުގައި ތިބި ފަލަސްތީނުގެ މީހުންނަށް ވެކްސިންޖެހުމުގައި އެހީތެރިކަމެއް ފޯރުކޮށްނުދޭތީ އެވެ.

އިޒްރޭލުން ބުނިގޮތުގައި އެ ގައުމުން ވަނީ 100،000 ފަލަސްތީނު މަސައްކަތު މީހުންނަށް ވެކްސިން ޖަހައިދީފަ އެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ފަލަސްތީނުގެ އޮތޯރިޓީން ކަމަށް އިޒްރޭލުން ބުންޏެވެ.

ފަލަސްދީނުގެ ހެލްތު މިނިސްޓަރު ވިދާޅުވިގޮތުގައި ވެސްޓު ބޭންކުގައި ކަނޑައަޅާފައިވާ ކާފިއުއާއި ލޮކްޑައުންގެ ސަބަބުން ހޮސްޕިޓަލްތަކަށް ލިބެމުން ދިޔަ ޕްރެޝަރު ކުޑަވެގެން ދިޔަ އެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓާތަކުގެ މެޑިކަލް ސަޓާފުންނަށް ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ޑެންޓިސްޓުންނާއި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތުންތަކުން ބުނިގޮތުގައި ކޮވެކްސްގެ ދަށުން އެ ގައުމުގެ އާބާދީގެ 20 އިންސައްތައަށް ވެކްސިން ޖަހަން ނިންމާފައިވެ އެވެ. އަދި އިތުރު ވެކްސިންތަކުން 60 އިންސައްތަ ކަވަރު ކުރާނެ ކަމަށް އުންމީދުކުރެ އެވެ.

މިހާތަނަށް އެ ގައުމުން 227،808 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 2،511 މީހުން ކޮވިޑްގައި މަރުވެފައިވެ އެވެ.