އަމިއްލަ ދެއަތުން އާއެއްޗެއް އުފައްދާ ލެވޭނަމަ އެކަމުން އަންގައިދެނީ އެމީހާ އެމަސައްކަތަށް ގާބިލް ވެފައިވާ މިންވަރެވެ. ހުނަރުވެރި ކަމެވެ. އެފަދަ ހުނަރުވެރި ކަމަކުން މަސައްކަތެއް ކުރިއެރުވޭނަމަ އެއީ ހިތްހަމަޖެހުމެކެވެ. ބާރެކެވެ. އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުވާނެ ކަމެކެވެ. ޚާއްސަކޮށް ގޭތެރޭގައި ކުދިން ބަލަން ތިބޭ އަންހެނުން ހުނަރުވެރި މަސައްކަތަކުން ކުރިއަރާނަމަ، އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރުވާނެ އެވެ.
އއ. މަތިވެރިއަށް އުފަން އައިމިނަތު ޒައީމާ (ޒައީ) އަކީ ގޭތެރޭގެ ކަންކަން ބަލަހައްޓަމުން ވަރަށް ކާމިޔާބުކަމާއެކީ ވެޑިން ކޭކާއި ޑިޒާޓް ޓޭބަލް އަދި ބޮކޭ ތައްޔާރުކުރާ ވަރަށް ހީވާގި ހުނަރުވެރި މީހެކެވެ. ޒައީ، ކޭކު އެޅުމުގެ ތެރެއަށް ވަދެވުނީ އޭނާގެ ކުދިންގެ ބާތުޑޭ ކޭކު އަޅަން މަސައްކަތް ކުރި ހިސާބުންނެވެ. ޒައީ އެ މަސައްކަތް ފެށީ ދަރިންގެ އުފަލަށްޓަކަ އެވެ.
"ފިރިމީހާއަކީ މާލެ މީހެއް. އޭނާގެ އާއިލާއާއެކު އެގޭގައި ދިރިއުޅެމުން ދިޔައީ. އެގޭގައި ކުޑަކުދިންގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ. ޕާޓީ ވެސް ބާއްވާނެ. ދެން އަޅުގަނޑުގެ ކުދިން ވެސް ބޭނުންވާނެ ކޮންމެ ބާތުޑޭއަކަށް ޕާޓީ ބާއްވާ ކޭކުފަޅަން، އެ ދުވަސްވަރު އުފަން ދުވަހުގެ ކޭކުއަޅައިދެނީ ވަރަށް އަގޮބޮޑުކޮށް،" ޒައީ ބުންޏެވެ.
އުފަން ދުވަހުގެ ކޭކެއް ގަންނަން ލިބޭ އަގުބޮޑުވުމުގެ ނަތީޖާއަކަށްވީ އަމިއްލައަށް ކޭކު އަޅަން ފެށުމެވެ. ފަހުން ބޭސިކް ކޭކް ޑެކަރޭޝަންސް ކޯހެއް ވެސް އޭނާ ހެދި އެވެ. އެ ކޯހުން ބަޓާ ކޭކު އެޅުމާއި، މާހެދުމާއި އަދި ކޭކުގައި އައިސިން ޖަހަން ދަސްވި ކަމަށް އޭނާ ބުންޏެވެ.
ވަކި ހިސާބަކުން ބާތްޑޭ ކޭކު އެޅުން އޭނާ ހުއްޓާލައި ވެޑިން ކޭކު އަޅަން ފެށި އެވެ. ޒައީ ބުނިގޮތުގައި ބޭސިކް ކޭކް ޑެކަރޭޝަންސް އަދި ފޮންޑެންޓް ހަދަން އެނގޭ ނަމަ ވެޑިން ކޭކު ހަދާކަށް އުނދަގުލެއް ނުވާނެ އެވެ. ކޮންމެ ކަމަކަށް ވެސް ބޭނުން ވަނީ ޝައުގުވެރިކަމެވެ.
އޭނާ ފޮންޑެންޓް ހަދަން ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. އޭގެ ފަހުން ޝުގާ ފްލާވާ ހަދަން ދަސްކޮށްދޭ ކޯހަކާއި ވެޑިން ކޭކު ކޯހެއް ވެސް އޭނާ ހެދި އެވެ.
ޒައީ ކޭކްސް: ކޭކު މަސައްކަތް އިތުރު ހަރުފަތަކަށް
ވެޑިން ކޭކަކީ އޭނާގެ މަސައްކަތުގެ ތެރެއަށް އިތުރުކުރި އާބޮޅެކެވެ. އާއިލީ ޒިންމާއާ ހުރެ ބައެއް ފަހަރު ކޭކުގެ މަސައްކަތައް މަޑުޖެހުމެއް އައި ނަމަވެސް ކޭކުގެ މަސައްކަތް އެއްކޮށް ހުއަޓައެއް ނުލަ އެވެ.
ޒައީ ބުނިގޮތުގައި ކުރިން އުފަން ދުވަހުގެ ކޭކު އެޅިއިރުވެސް އާއިލާ ކުދިންނާއި ރައްޓެހިން އެދިއްޖެ ނަމަ، ވެޑިން ކޭކު އަޅައިދީ އުޅުނެވެ. މިހާރު 8 އަހަރުވެފައިވާ އޭނާގެ ވެޑިން ކޭކުގެ މަސައްކަތަކީ ގިނަބައެއްގެ މަގުބޫލުކަން ލިބެމުންދާ މަސައްކަތެކެވެ.
"ކޭކުގެ ހުރިހާކަމެއް ވެސް ކުރަނީ އެކަނި. އާޓިފިޝަލް މާ އާންމުކޮށް ކޭކުގައި ޖަހަނީ އެކަމަކު މީހަކު އެދެފިނަމަ ޝުގާ ފްލާވާ ވެސް ޖަހައިދެން. ދެން ކޭކެއް ނިންމާލަން ނަގާނެ އެއްދުވަސް. އަޅުގަނޑު ކޭކުގެ އަގު ކަނޑައަޅާނީ ބޮޑުމިނަށާއި މަސައްކަތަށް ބަލާފައި،" ޒައީ ބުންޏެވެ.
ކޭކު މަސައްކަތުގެ އިތުރުން ޖީބުގައި ހަރުކުރާ މާކޮޅު، އަތުގައި އަޅާ މާކޮޅު، ވެޑިން ބޮކޭ (މާ ބޮނޑި)، އަދި ވެޑިން ހަފުލާތަކުގައި ބަހައްޓާ ޑެޒާޓް ޓޭބަލް ތައްޔާރު ކޮށްދިނުމަކީ ވެސް އޭނާ ފަހުން ކުރަން ފެށި މަސައްކަތެކެވެ. އާންމުކޮށް ކޭކު އޯޑާ ދޭއިރު ގިނަ މީހުން ދެނީ ޑިޒާޓް ޓޭބަލް އާއެކުގައި ކަން ވެސް އޭނަ ފާހަގަކުރި އެވެ.
ޒައީ ހަދާ ޑިޒާޓް ޓޭބަލްގައި ހިމެނެނީ ކޭކުގެ އިތުރުން ކަޕްކޭކްސް، ކުކީސް، ކޭކްބޮކްސް އަދި މެކަރޫންސް އެވެ. ޑިޒާޓް ޓޭބަލް ތައްޔާރުކޮށްދިނުމަށް ދަނީ ވެސް ހަމަ އޭނާ އެވެ.
ކޮންމެ މީހެއްގެ ކާމިޔާބީގެ ފަހަތުގައި ވެސް އެތައް ފަރާތްތަކެއް ޝަމީލުވާނެ ކަމީ ޔަގީންކަމެކެވެ. ޒައީގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ދޭފަރާތަކީ އޭނާގެ ފިރިމީހާ ކަމުގައި ކުރި އެވެ. ފިރިމީހާގެ އެހީތެރިކަން ނުލިބޭނަމަ އެމަސައްކަތް ނުކުރެވޭނެ ކަމަށް ބުނަމުން ފާހަގަކޮށްލީ ބޮޑެތި ކޭކު ޑެލިވާކުރުމުގަ އާއި ބޭނުންވާ ތަކެތި ހޯދުމަކީ އަމިއްލައަށް ކުރެވޭނެ ކަންކަން ނޫން ކަމުގައި އެވެ.
އޭގެ އިތުރުން ކޭކުގެ މަސައްކަތް ކުރާ ސޮފާ ކަލެކްޝަންގެ ސޮފާއަކީ ވެސް ކޮންމެ ވަގުތެއްގައި ވެސް ލަފަޔާއި މަޝްވަރާދޭ މީހެެއް ކަމަށްވާތީ ސޮފާއަށް ވަރަށްބޮޑަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.
ޒައީބުނިގޮތުގައި ކޭކުއެޅުމުގެ މަސައްކަތަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށާއި ގޭގައި ހުރެގެން ރަނގަޅު އާމްދަނީ އެއް ހޯދަން ބޭނުންވާ ކުދިން ކުދިން އެމަސައްކަތުގެ ތެރެއަށް ވަނުމަށެވެ.