މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް" ގެ ދަށުން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އާރުޑީސީއާ އެ ތިން ސަރަހައްދުގެ މަގުތައް ހަދަން ހަވާލުކުރިއިރު، މިހާރު މާލޭގައި ހަދަން ފަށާފައިވާ މަގުތަކުގެ މަސައްކަތް ނުނިމި ލަސްވާކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެންދަނީ ކުރަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތިން ދުވަހަށް ވެފައިވަނިކޮށް ހަވާލުކުރި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޝިފާ މުހަމަދެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރު ފެބްރުއަރީ މަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ އެވެ. މިއަދު ސޮއި ކުރެއްވުނީ އެ މަޝްރޫއުގެ ދެވަނަ ސެގްމަންޓެވެ.
އެ ކުންފުނިން ބުނީ މި އެއްބަސްވުމުގެ ދަށުން ރަނގަޅު ފެންވަރަކަށް ހަދާނީ ހެންވޭރު އުތުރު ސަރަޙައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނު އަދި މައްޗަންގޮޅި މެދު ސަރަހައްދުގެ ބައެއް މަގުތަކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު ޝިޔާ ވިދާޅުވީ، ތާވަލްކޮށްފައިވާ ދުވަހަށް މަސައްކަތް ރޯޑް ކޯޕަރޭޝަނުން ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެއްބާރުުލުމާއެކު މަސައްކަތް ލަސްނުވެ ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫކޭ ވިދާޅުވީ، ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓި އަށް މަސްދުވަސް ހޭދަވި ކަމަށާއި އެހެން ކަމުން މަސައްކަތް ވަރަށް ބޮޑަށް ލަސްވި ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ތާވަލް ކުރި ގޮތަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން މައްޗަންގޯޅި މެދު އަދި ދެކުނު ދާއިރާގެ މަގުތަކުގެ މަސައްކަތްތަށް ނިންމުމަށް ހަމަޖެހިފައިވަނީ 125 ދުވަހުގެ ތެރޭގަ އެވެ. ހެންވޭރު އުތުރު ސަރަހައްދުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 217 ދުވަހުގެ ތެރޭގަ އެވެ. އެ ތިން ސެގްމެންޓްގެ ޖުމްލަ އަގަކީ 70.1 މިލިއަން ރުފިޔާ އެވެ. އެއީ ހެންވޭރު އުތުރުގެ މަގުތަކަށް ހަރަދުވާ 36.30 މިލިއަން ރުފިޔާއާއި، މައްޗަންގޮޅި ދެކުނު އަދި މައްޗަންގޮޅި މެދު ދާއިރާގެ މަގުތަކަށް ހަރަދުވާ 33.80 މިލިއަން ރުފިޔާ އެވެ.
ސިޓީ ކައުންސިލުން ބުނީ، މަޝްރޫއުގެ ދަށުން ހެންވޭރު އުތުރުން އެއްބަސްވުމުގެ ދަށުން ހެދުމަށް ހަމަޖެހިފައިވަނީ 13 މަގެކެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރ ހަދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަޝްރޫއުގެ ދަށުން މައްޗަންގޮޅި މެދު ސަރަހައްދުން ހަދަން ހަމަޖެހިފައި ވަނީ ހަ މަގެކެވެ. އެއީ ނިކަގަސްމަގު، ކުރިކީލަ މަގު، ޗާންދަނީ މަގު، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި އަދި ޖަވާހިރު ގޯޅި އެވެ. މި މަގުތަކުން ޖުމްލަ 0.48 ކިލޯމީޓަރގެ މަގު ހަދާނެއެވެ. މައްޗަންގޮޅި ދެކުނުން ހަދަން ހަމަޖެހިފައިވަނީ 5 މަގެކެވެ. އެއީ ބަޑިފަސްގަނޑު މަގު، އާމިނާރަނި ހިނގުން، ބުރުޒު މަގު، ކުރިކީލަ މަގު، އަދި ޗާންދަނީ މަގެވެ. މި މަގުތަކުން ޖުމްލަ 1.00 ކިލޯމީޓަރގެ މަގުހަދާނެ އެވެ.
މަޝްރޫއުގެދަށުން މިހާރު ކުރިއަށްދަނީ މާފަންނު ހުޅަނގު ދާއިރާގެ މަސައްކަތެވެ. އެ ސަރަހައްދުން މިހާރު 0.66 ކިލޯ މީޓަރގެ މަގު ވަނީ ނިމިފައެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ މުނިޔާ މަގު އަދި ފްލޫނިޔާ މަގު ހެދުމަށެވެ. ހަނދުވަރީ ހިނގުން އަދި ފްލޫނިޔާ ބްލޮކް ތިން މަގު މިހާރުވަނީ ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ސީޓީ ކައުންސިލުން ބުނެ އެވެ.
ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މަޝްރޫއުގެ ދަށުން ފަސް ވައްތަރެއްގެ މަގުތައް ތަރައްގީކުރާއިރު ޖުމްލަ 18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަހައްދުތަކުން ހަދާނެ އެވެ.
މަގުތަކަށް ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކި ބޭނުންތަކަށް މަގު ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފަ އެވެ. ހަމައެއާއެކު އަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުން ވެސް މަޝްރޫއުގައި ހިމެނެ އެވެ.