ނިއުދިއްލީ (21 މޭ) - ޕާކިސްތާނަށް ޖާސޫސު ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން އެ ގައުމުގެ ޔޫޓިއުބަރެއް ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ފުލުހުން ބުނާ ގޮތުގައި އުތުރު އިންޑިއާގެ ހަރިޔާނާ އަށް ނިސްބަތްވާ ޓްރެވަލް އިންފްލުއެންސާއެއް ކަމަށްވާ ޖިއޯތީ މަލޯތުރާ ވަނީ ޕާކިސްތާނަށް އެތައް ފަހަރެއްގެ މަތިން ދަތުރުކޮށްފަ އެވެ. އަދި އޭނާ އެންމެ ފަހުން ޕާކިސްތާނަށް ދަތުރުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ހަރިޔާނާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ ވަނީ ކަޝްމީރުގެ ޕަހަލްގަމް އަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެގައުމުގެ ދެމެދުގައި މަޝްރަހު ގޯސްވެ އިންޑިއާއިން ބޭރުކުރި ޕާކިސްތާނުގެ ހައި ކޮމިޝަނެއްގެ އޮފިޝަލަކާ ގުޅުން ބަދަހިކޮށްފަ އެވެ.
ޕާކިސްތާނުގެ އިންޓެލިޖެންސް އޮޕަރޭޓިވްސް އާއި ޕާކިސްތާނުގެ ރައްޔިތަކާއި ވެސް ގުޅުން އޮތްކަމަށް ތުހުމަތު ކުރެވި، ދާދި ފަހުން ހިނގާދިޔަ ޕަހަލްގަމް ހަމަލާއާއި ޖިއޯތީ އާއި ގުޅުމެއް އޮތްތޯ ވެސް ދަނީ ތަހުގީގުކުރަމުންނެވެ.
އިންސްޓަގްރާމްގައި 133،000 ފޮލޯވަރުން އަދި ޔޫޓިއުބުގައި 377،000 ސަބްސްކްރައިބަރުން ހުރި ޖިއޯތީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ފައިސާ ހޯދާ ގޮތަކާ މެދުވެސް ފުލުހުން ވަނީ ސުވާލު އުފައްދާފަ އެވެ. ޓްރެވަލް އިންފްލުއެންސަރެއްގެ ހައިސިއްޔަތުން އޭނާ ގިނަ ގައުމުތަކަށާއި އިންޑިއާގެ މުގައްދަސް ސަރަހައްދުތަކަށް ވެސް ދަތުރުކޮށްފައިވާއިރު އޭނާ މިކަންކަމަށް ހަރަދުކުރާ ގޮތް ސާފުނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހުރިހާ ތުހުމަތުތަކަށް އޭނާގެ ބައްޕަ ވަނީ އިންކާރުކޮށްފަ އެވެ. ޖިއޯތީގެ ބައްޕަ ބުނާ ގޮތުން އޭނާ ޕާކިސްތާނަށް ދިޔައީ ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ހޯދުމަށްފަހު އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި ޖިއޯތީ ހައްޔަރުކުރި އިރު، އެއްގައުމުން އަނެއް ގައުމަށް ޖާސޫސު ކޮށްދޭ ކަމަށް ބުނެ މީހުން ހައްޔަރުކުރުމަކީ އާއްމު ކަމެކެވެ. -- ބީބީސީ