އިޒްރޭލުން އިތުރު ހަމަލާތައް އީރާނަށް ދޭން ފަށައިފި އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުން މިރޭ ގޮވުން ތަކެއްގެ އަޑު އިވިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލު އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިރާނުގެ މިސައިލް ލޯންޗު ކުރާ މަރުކަޒު ތަކަށާއި އިންފްރާސްޓްރަކްޗާއަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފޯޑާވް ނިއުކްލިއާ ސައިޓް ކައިރިން މިރޭ ބާރުގަދަ ދެ ގޮވުމެއް ގޮވާފައިވާ ކަމަށް އީރާނުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ފޯޑާވް އަކީ ވެރިރަށް ތެހެރާނުގެ ދެކުނުން ވިހި މޭލު ދުރުގައި އޮންނަ ސެންޓަރަލް ސިޓީ ކޮމްގައި ހަދާފައިވާ ނިއުކްލިއާ ސައިޓެކެވެ. އެތަން ހަދާފައި ހުންނަނީ ބިމުގެ 100 މީޓަރު އަޑީގަ އެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ރޭ ފަތިހު ވަރުގަދަ ހަމަލާތަކެއް ވަނީ ދޭން ފަށާފަ އެވެ. އޭގެ ތެރޭގައި އީރާނުގެ ޕްރައިމަރީ ޔުރޭނިއަމް ފައްކާކުރާ މަރުކަޒު ހުންނަ ނަޓާންޒް ސިޓީއަށްވެސް ހަމަލާދީފައި ވެއެވެ.

ފަތިހު ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ކޮމާންޑަ އިން ޗީފް ޖެނެރަލް ހުސައިން ސަލާމީ ވަނީ އަވަހާރަވެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދީ، އެ އޮޕަރޭޝަން އެތައް ދުވަހެއް ވަންދެން ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.

އީރާނަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލަށް "ހަރުކަށި އަދަބު" ލިބޭނެ ކަމަށް އުންމީދުކުރަން ޖެހޭނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. މިއާއެކު ހަމަލާތަކުގެ ބަދަލުގައި އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.

މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 11 ޕަސެންޓް އުފުލިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ގެންދިއުމުން އިޒްރޭލާއި މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.