ފަލަސްތީނުގެ ރައްޔިތުންނާ މެދު ޔަހޫދީ އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ވާހަކަތައް އދ. ގެ ރިޕައުޓާ ފްރާންސެސްކާ އަލްބަނީސް އާއްމުކޮށް، އެކަންކަމަށް ފާޑުކިޔުމުން، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަލްބަނީސް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މި ފިޔަވަޅު އަޅަން ނިންމިކަން ހާމަކޮށް އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ މިފަދައިން ނިންމީ އެމެރިކާ އާ އިޒްރޭލާ ދެކޮޅަށް އަލްބަނީސް ގެންގުޅޭ ސިޔާސީ އަދި އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން ކަމަށެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން އަލްބަނީސް ވިދާޅުވީ "މާފިއާ ސްޓައިލް" އަށް ބިރުދައްކަން އުޅޭ މީހުންނަށް ބުނާނެ އެއްޗެއް ނެތްކަމަށާއި، ގަތުލުއާއްމުން ފައިދާވާ މީހުންނަށް އަދަބުދީ، މިކަމުގައި ގައުމުތަކުގެ ޒިންމާތަކާ ބެހޭގޮތުން ހަނދާން ކޮށްދިނުމުގައި އެއަށް ވުރެ މާ ބުރަކޮށް އުޅެމުންދާ ކަމަށެވެ.

އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރިޕައުޓާ ގެ މަގާމު އަދާކުރަމުންދާ އަލްބަނީސް އަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ވާހަކަދައްކާ މިކަމަށް ދުނިޔެ އަހުލުވެރިކުރުވުމަށް އެންމެ ވަރުގަދައަށް މަސައްކަތްކުރާ އެއް ފަރާތެވެ.

މިކަމާ ގުޅިގެން އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުން އދ.އިން އަލްބަނީސް ވަކިކުރުމަށް ގޮވާލަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.