ހުޅުމާލޭގެ ފޭސް ތިނަކާއި ގިރާވަރު ފަޅު ހިއްކުމަށް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

މިފަދައިން އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ހަވާލުކުރެއްވިފައިވާ މަސައްކަތް ކުރިއަށް ނުދާތީ އެވެ.

ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ދެ ކުންފުންޏަކަށެވެ.

މިގޮތުން ގިރާވަރު ފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނަށް ހަވާލުކުރިއިރު، ހުޅުމާލެ ފޭސް ތިނަކަށް 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށެވެ. މިއާއެކު މި ދެ ކުންފުނިން ވެސް މި މަސައްކަތް ހަވާލުކުރީ ސީއެމްސީސީ އަށެވެ.

އެހެންނަމަވެސް ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އޭރުގެ ސަރުކާރުން އެގުރިމަންޓް ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑް ކުރަމުން ދިޔަކަމަށާއި، އެ ގޮތަށް ފައިސާ ދެމުންދާނަމަ ސަރުކާރަށް ގެއްލުން ބޮޑުވާނެތީ ކޮންޓްރެކްޓް ބާތިލްކުރަން ސަރުކާރުން ނިންމި ކަމަށެވެ.

އެގޮތުން ކޮންޓްރެކްޓަރަށް ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު ދިން ކަމަށާއި، ޑިމާންޑް ކުރަން ފެށުމުން، މަސައްކަތް ކުރިއަށް ގެންދަން އިތުރަށް 15 މިލިއަން ޑޮލަރު ދިންކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އިތުރަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑްކޮށް، މަސައްކަތް އެއްވެސް ވަރަކަށް ނުކޮށް ހުއްޓާލައިގެން ތިބި ކަމަށެވެ.

"އެ ފަރާތުން ޑިމާންޑް ކުރަމުން ދިޔައީ ކުރި މަސައްކަތާ އެއްވަރަށް ފައިސާ ދޭން. އަޅުގަނޑުމެން ބެލިބެލުމުން 20 މިލިއަން ޑޮލަރަށްވާ ވަރަށް އެ ފަރާތުން މަސައްކަތްކޮށްފައިވަނީ. އެޑްވާންސަށް 20 މިލިއަން ޑޮލަރު ދީފައި އޮތަސް ފަހުން 15 މިލިއަން ޑޮލަރު ދިނަސް އެ ފަރާތުން މަސައްކަތް ކުރަން ބޭނުމެއް ނުވި،" މުއްތަލިބް ވިދާޅުވި އެވެ.

އެހެންކަމުން އެގްރިމަންޓް ބާތިލްކުރުމުގެ މަސައްކަތް އޭޖީ އޮފީހަށް ފޮނުވައިގެން ކުރިއަށްދާކަމަށާއި، އެ ކަމަށް ވަގުތު ނަގަމުން ދަނީ ސަރުކާރަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތެއް ހޯދުމަށް ބަލަމުން ދާތީ ކަމަށް މުއްތަލިބް ވަނީ ރޭގައި ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން 2،000 ގޯތި ދޭން ނިންމި ނަމަވެސް ފަހުން އޭގެ ތެރެއިިން 1،347 ގޯތި ގުޅިފަޅަށް ވަނީ ބަދަލުކޮށްފަ އެވެ. ހުޅުމާލޭ ފޭސް ތިނަކުން ދެނީ 1،000 ގޯއްޗެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ގިރާވަރުފަޅު ވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކައި، ގޯއްޗާއި ފްލެޓް އިތުރަށް ދިނުމަށް ވަނީ ނިންމާފަ އެވެ.