ނަފްސަނީ ދުޅަހެޔޮ ކަމަކީ އިންސާނާގެ ސިއްހަތަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެކަމުގެ ސަބަބުން މީހާގެ މުޅި ދިރިއުޅުން ބައްޓަން ވެގެންދެ އެވެ. އެގޮތުން ޑިޕްރެޝަންއާއި އެންޒައިޓީ ފަދަ ބަލި ތަކަކީ އެކަމަށް އެންމެ އެދެވޭ ފަރުވާއެއް ނުލިބުނު ނަމަވެސް އެކަން ލުއި ފަސޭހަ ކުރުމަށް އެތައް ކަމެއް ކުރެވިދާނެ ކަމެކެވެ.
އެތައް އަހަރެއްގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކަސްރަތު ކުރުމުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ޑިޕްރެޝަން ތަހަންމަލް ކުރާ އެތައް ބަޔަކަށް ކޮންމެ ހަފްތާއަކު މަދުވެގެން ތިން ދުވަހު ގާތްގަނޑަކަށް 45 މިނެޓް ކަސްރަތު ކުރުމުން އޭގެ ރަނގަޅު އަސަރު ހަށިގަނޑަށް ކުރެ އެވެ.
ހަމައެކަނި ހިނގާލި ނަމަވެސް އޭގެން ހީވެސް ނުކުރާވަރަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ރަނގަޅު އަސަރުކުރެ އެވެ.
ކަސްރަތު ކުރުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދޭ ސަބަބަކީ ލޭގެ ހިނގުން ރަނގަޅުވެ އިންފްލެމޭޝަން ދައްކޮށް ދިނުމުގެ ސަބަބުން އޭގެ ހެޔޮ ބަދަލު ސިކުނޑިއަށް އިހުސާސްވުމެވެ.
ކަސްރަތު ކުރުމުގައި ވަކި ކަހަލަ ކަސްރަތެއް ކުރުމުން ޑިޕްރެޝަން ފަދަ ބަލިތަކަށް ލުއި ލިބޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކަށް ހޯދިފައި ނެތް ނަމަވެސް، ކަސްރަތު ކުރުމުގައި މާ އިންޓެސިޓީ ހައިކޮށް ކުރާނަމަ އިތުރަށް މީހާ ސްޓްރެސް ވުމުގެ ފުރުސަތު އޮންނަ ކަމަށް ދިރާސާތަކުން ހޯދިފައިވެ އެވެ.
ނަމަވެސް ހިޓް ވޯކައުޓްފަދަ ވޯކައުޓްތައް ގަވައިދުން ކުރާނަމަ އޭގެ އެދެވޭ އަސަރު ނަފްސާނީ ދުޅަހެޔޮކަމަށް ކުރެ އެވެ. ނަމަވެސް ގިނަ ފަހަރު ޑިޕްރެޝަން ތަހަންމަލު ކުރާ މީހަކަށް އެއްވެސް ކަހަލަ ކަސްރަތެއް ކުރަން ފަށައިގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން އެމީހަކަށް ކުރެވޭ ވަރަކުން މަޑުމަޑުން ކުރަމުން ގޮސް ކަސްރަތުކުރުން އާދައަކަށް ހެދުމުން އެކަމުން ފަސޭހަކަން މީހާއަށް ލިބޭނެ އެވެ.