އިންތިހާބީ މަރުކަޒު، ނުވަތަ ބާ ޖަމާލުއްދީނަށް ވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސަޕޯޓަރުން އެ ތަނުން ނެރެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އިންތިހާބާ ބެހޭ މަރުކަޒަށް ނަޝީދު ވަޑައިގަތުމުން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު ގަދަކަމުން އެތަނުން ފައްސާލައިފަ އެވެ.

ނަޝީދު އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގަތމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ނަޝިދު އެތަނަށް ވަޑައިގަތުމުގެ ބޭނުމަކީ ވޯޓު ފޮއްޓަށް އަތް ބާނައިގެން ނަތީޖާ ބަދަލުކުރުން ކަމަށެވެ. ނަމަވެސް އެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްވެރިން ތިއްބަވާ ސޯޝަލް މީޑިއާގެ ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ވޯޓު ފޮށި ކައިރީ އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނަ އިރުތަކެއް ވުމުން ކަމަށެވެ. އެ ބޭފުޅުން އެ ތަނުގައި ތިއްބަވާތާ ބައިގަޑި އިރުވީ އިރު ވެސް އެކަން ހައްލު ނުކުރެވުނީމަ، ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ ކަމަށް މެސެޖުގައި ނަޝީދު ބުންޏެވެ.

ނަޝީދު ވިދާޅުވީ އަބްދުއްރަހީމް މިހާރު ވަނީ އިންތިހާބާ ބެހޭ މަރުކަޒުން ނެރެފައި ކަމަށެވެ.

މެސެޖުކުރުމަށް ފަހު ނަޝީދު ވަނީ ޓުވީޓެއް ވެސް ކުރައްވައިފަ އެވެ. އެ ޓުވީޓުގައި ނަޝީދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) އޮފިޝަލުން ފިޔަވައި އިތުރު އެއްވެސް މީހަކަށް އީސީ އިދާރާ އަށް ވަދެވިގެން ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އިންތިހާބީ މަރުކަޒު ގޯތިތެރޭގައި ކަމަށެވެ.

"އަޅުގަނޑު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީ އަށް ވަދެވަޑައިގަނެ 30 މިނެޓުވީ އިރު ވެސް ނުުނިކުންނެވީމަ، އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އަށް ވަދެވިގެން ނުވާނެ، އަޅުގަނޑު ހުރީ ބޭރުގައި" ޓުވީޓުގައި ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީއިން ބުނީ، ޓީ4 ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީީޕީއެމްގެ އިސްވެރިން މަރުކަޒަށް ވަޑައިގެން އެތަނުގައި އަޑުގަދަ ކުރައްވާ ހެއްދެވުމުން އެމްޑީޕީގެ އިސްވެރިންނަށް އިންތިހާބީ މަރުކަޒު ތެރެއަށް ވަނުމަށް މަޖުބޫރުވި ކަމަށެވެ.

އެމްޑީޕީގެ ޓުވީޓުގައި އިތުރަށް ބުނީ، ގާނޫނުގައި ވާ ގޮތަށް ވޯޓުގެ ކަންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ޕީޕީއެމްއިން އީސީއަށް ދެއްވަން ޖެހޭނެ ކަމަށެވެ.

އެއަށް ރައްދުދީ އިދިކޮޅުން ބުނީ، އިންތިހާބީ މަރުކަޒަށް ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ތިބި އިރު، އިދިކޮޅު ކޯލިޝަނުން އެތަނަށް ދިޔައީ އީސީއިން އަންގައިގެން ކަމަށެވެ. އެއީ ވޯޓު ފޮށިތަކެއް އަލުން ގުނަން ނިންމުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިހާބީ މަރުކަޒަށް އައީ ބައެއް ފޮށިތަކުން އިދިކޮޅު ފަރާތްތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ކުޑަ ފަރަގެއް ހުރި ކަމަށް ބުނަމުންދާތީ ކަމަށެވެ. މިއީ އިންތިހާބު އޮޅުވާލަން އީސީން މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިންތިހާބާ ބެހޭ މައި މަރުކަޒަށް ނަޝީދު ވަޑައިގަތުމުން އެތަނުގެ މަސްލަހަތު ވަނީ ގެއްލިފަ އެވެ. އެއާއެކު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުުން އެމަނިކުފާނު އެތަނުން ނެރެން އުޅުމުން ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.