ފްރާންސްގައި ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ދިނުން ކުރިންވެސް ރާވާފައި އޮތް ގޮތަށް ކުރިއަށް ދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިންގެ ފުރަތަމަ 200،000 ޑޯޒް އެ ގައުމަށް ލިބުނުކަން ފާހަގަ ކުރައްވަމުން ސަރުކާރުގެ ތަރުޖަމާން ޖިބްރިއެލް އައްޓަލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުތަކާއި ބޭސް ފިހާރަތަކަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ކަމަށެވެ.
ފްރާންސް އިން މި ނިންމުން އިއުލާން ކޮށްފައި މިވަނީ އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި އެހެން ގައުމުތަކުން ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ދިނުން މެދުކަނޑާލައިފައި ވަނިކޮށެވެ.
އެމެރިކާގެ ސިއްހީ އިދާރާތަކުން ވަނީ މި ވެކްސިން ދިން 50 އަހަރުން ދަށުގެ ހަ އަންހެނަކަށް ލޭގަނޑުވުމުގެ ރިޕޯޓުތައް ލިބުމާއެކު އެ ވެކްސިން ދިނުން ވަގުތުން އެ ގައުމުގައި ހުއްޓާލާފަ އެވެ. މިފަދަ ރިޕޯޓުތައް އެހެން ގައުމުތަކުގައި ވެސް ފެންމަތިވެފައިވެ އެވެ.
ފްރާންސްގެ ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައިވާއިރު އެ ގައުމުން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަވަސްކޮށް ޖޫން މަހާ ހަމައަށް 30 މިލިއަން މީހުންނަށް މަދުވެގެން ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމަށް އަމާޒު ހިފައިފަ އެވެ.
އެ ގައުމުން ބުނީ އޭޕްރިލް މަސް ނިމެންވާ އިރަށް ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިންގެ އިތުރު 600،000 ޑޯޒް ލިބޭނެ ކަމަށެވެ.