ދުނިޔޭގެ އެންމެ ބޮޑު ޕޮންޒީ ސްކީމްގެ ހިންގި ބާނީ ބާނާޑް މާޑޮފް މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގެ ބާނީ މަރުވެފައި ވަނީ 64.8 ބިލިއަން ޑޮލަރުގެ އޮޅުވާލުމެއް ސާބިތުވެ 105 އަހަރުގެ ޖަލު ހުކުމެއް ގުނަމުން ދަނިކޮށް އޭޕްރީލް 14 ވަނަ ދުވަހު އެމެރިކާގެ އުތުރު ކެރޮލީނާގެ ފެޑަރަލް ޖަލުގަ އެވެ.

ބިއުރޯ އޮފް ޕްރިޒަންސް އިން ބުނާ ގޮތުގައި ބާނީ ދިޔައީ ކިޑްނީ ބަލީގެ އިތުރުން އެހެން ގިނަ ސިއްހީ މައްސަލަތަކެއް ތަހައްމަލް ކުރަމުންނެވެ.

މާޑޮފް ހިންގި ވިޔަފާރީގެ ޖަރީމާތަކުގައި އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އިތުރުން ސަދަގާތް ފަންޑުތަކަށް ވެސް ގެއްލުން ލިބިފައި ވެ އެވެ. މީގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ހިމެނެ އެވެ.

އޭނާގެ ސްކީމްތައް 2008 ވަނަ އަހަރު ފެންމަތިވީ އޭނާގެ ދެދަރިންގެ ފަރާތުންނެވެ. ޖެހިގެން އައި އަހަރު ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ 105 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

އޭނާގެ މަކަރާއި ހީލަތުން ލިބުނު ފައިސާއިން އޭނާގެ އާއިލާއަށް އަރާމު ދިރިއުޅުމެއް ހޯދައިދިނަސް އެންމެ ފަހު ވަގުތު ޝަރީއަތުގައި އޭނާގެ ދިފާއުގައި ނުކުމެފައި ނުވެ އެވެ.