އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގެ ކޮންމެ އެނދެއްގައި ދެ މީހުން ބާއްވަން ޖެހޭ ހިސާބަށް ހިނގައްޖެ އެވެ.

މި އަހަރު ފެށިގެން އައި އިރު ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސްތައް ކޮންޓްރޯލްވެފައި އޮތް އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންނެވެ.

އެގޮތުން އިއްޔެ އެގައުމުގައި ވަނީ 200،000 ލައްކައަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފަ އެވެ. މިއީ މިހާތަނަށް އައިއިރު މުޅި ދުނިޔޭގައި ވެސް 24 ގަޑިއިރު ތެރޭގައި މިހާ ގިނަ ބަޔަކަށް ބަލި ޖެހުނުކަން ރޭކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ.

"އަހަރެމެން މިތިބީ އިންސާނީ އަދި އެހެނިހެން ވަސީލަތްތަކަށް ބޭނުން ޖެހިފައި. މިހާރުވެސް ހިދުމަތް ދެމުން މިދަނީ ފުލް ކެޕޭސިޓީގައި،" ދިއްލީގެ ހޮސްޕިޓަލެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

ލޯކް ނަޔަކް ޖޭ ޕްރަކާޝް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަ ޑރ. ސުރޭޝް ކުމާރު ވިދާޅުވީ އެނދުމަތި ކުރެވޭ މީހުން ގިނަވުމާއެކު އެ ހޮސްޕިޓަލުގެ އެނދުތައް އިތުރު ކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު ބަލި ފެތުރޭ ސްޕީޑްގައި ފެތުރޭނަމަ އެވަރުން ވެސް ބަލި މީހުންނަށް ހިދުމަތްދޭން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ކޮވިޑް ހޮސްޕިޓަލެއްގައި ބަލިމީހުންނަށް ފަރުވާ ދެނީ: ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ބޮޑު

ޑރ ކުމާރު އިތުރަށް ވިދާޅުވީ މިހާ ހަލުވި ސްޕީޑެއްގައި ކޮވިޑް ފެތުރެން މެދުވެރިވީ ބަލީގެ އާ ވޭރިއަންޓްތައް އެ ގައުމަށް އެތެރެ ވެފައި ލޮކްޑައުންއަށް ދިން ލުރިފަސޭހަތަކާއެކު އާއްމު އެއްވުންތައް ގިނަވުމުގެ ސަބަބުން ކަމަށެވެ.

2020 ވަނަ އަހަރު ތިން މަސްދުވަސް ވަންދެން ހަރުކަށި ލޮކްޑައުން އެއްގައި އޮތުމަށްފަހު އާ އަހަރާއެކު އިންޑިއާ ސަރުކާރުންވަނީ ލޮކްޑައުން އަށް ލުއިފަސޭހަތަކެއް ދީފަ އެވެ. ނަމަވެސް ހާލަތު ގޯސްވަމުން ދިއުމާއެކު ބައެއް ސަރަހައްދު ތަކުގައި ވަނީ އަލުން ލޮކްޑައުން އިއުލާން ކޮށްފަ އެވެ. -- ރޮއިޓާސް