މީޑިއާ ކޮންޓްރޯލް ބިލަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، "މީޑިއާ ރެގިއުލޭޓް"ކުރުމުގެ ނަމުގައި ކުރަން އެ އުޅޭ ކަމަކީ އާންމުންގެ ޚިޔާލާއި ފިކުރު ކޮންޓްރޯލްކުރުން ކަމުގައި، ކުރީގެ ބަންޑާރަނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
"މީޑިއާ ކޮންޓްރޯލް" ބިލާމެދު އާންމުން ހޭލުންތެރިކުރުވަން ރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން ސަވާދު ވިދާޅުވީ ބޭރުފުށުން މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހެޅި ބިލެއްގެ ގޮތުގައި ފެނުނު ނަމަވެސް، ބިލު ރަނގަޅަށް ކިޔައިލުމުން ބިލުގެ އަސްލު މަގުސަދު ހާމަވާ ކަމަށެވެ.
އޭނާ ވިދާޅުވީ 80 ވަނަ މާއްދާ އާއި 60 ވަނަ މާއްދާއާއި 61 ވަނަ މާއްދާ ކިޔާލުމުން ދޭހަވަނީ މީޑިއާއާއި ނޫސްވެރިންގެ ވާހަކައިގެ އިތުރުން މީގައި އެހެން ވާހަކަތަކެއް އެބަ ހިމެނޭކަން ކަމަށެވެ. އެގޮތުން ޚާއްސަކޮށް އިންޓަނެޓުގެ ވަސީލަތް ބޭނުންކުރާ ހުރިހާ އެންމެން، ދިވެހި ފަސްގަނޑުގައި އުޅޭ އެންމެން ރެގިއުލޭޓް ކުރަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ކަމަށާއި އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމުގައި ސަވާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ޒާތީ ދިރިއުޅުމުގެ ހިމާޔަތުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ނަމާއި އަބުރުގެ ހައްގު ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ހައްގެއް އުނިކުރާ ނަމަ އެ ހައްގުތައް އުނިކުރާ ހަމަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ސަވާދު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުން، އަސާސީ ހައްގުތަކުން ކޮންމެ ވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ފުށުނާރާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އަދި އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހިފެހެއްޓުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވެ އެވެ.
އެއާއެކު، އަސާސީ ހައްގުތައް މަނާކުރުމުގައި އިންސާނީ ހަމަހަމަކަމަށް ބިނާކޮށް އުފެދިފައިވާ ޑިމޮކްރަޓިކް މުޖުތަމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ ބައިވެރިވާ މުއާހަދާތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީ ބަޔާންކޮށްފައިވާ ކަން ވެސް ސަވާދު ފާހަގަކުރެއްވި އެވެ.
ތަހުޒީބު ޑިމޮކްރަސީތަކުގައި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ މަސައްކަތް ފަށަނީ ނޫސްވެރިންގެ ބައިވެރިވުން ހިމެނި، މަޝްވަރާގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަވާދު ވިދާޅުވީ ޔުނެސްކޯއާއި ވިލާތުގެ އިއްތިހާދާއި އދ. ގެ އުސޫލުތަކަށް ބެލިކަމުގައި ވިޔަސް އޮންނަ އެންމެ ރަނގަޅު ގޮތަކީ ނޫސްވެރިކަމުގެ މައްސަލަތައް އެ ދާއިރާގައި ޝާމިލްވާ މީހުން ހައްލުކުރުން، ނުވަތަ ސެލްފް ރެގިއުލޭޓްކުރުން ކަމަށެވެ.
އެކަން މުހިންމުވާ ސަބަބެއް ކަމަށް ސަވާދު ވިދާޅުވީ ވެރިކަމުގެ ތިން ބާރު ކަމަށްވާ ދައުލަތް ހިންގުމުގެ ބާރާއި ގާނޫނުތައް އެކުލަވާލުމުގެ ބާރާއި ފަނޑިޔާރުގޭގެ ބާރުން ކުރާ މަސައްކަތްތަކާއި އެ ބާރުތަކުން ކުރާ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަމާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދެނީ ނޫސްވެރިން ކަމަށް ވާތީ ކަމަށެވެ.
މިނިވަންކަމާއެކު ނޫސްވެރިންނަށް މަސައްކަތް ނުކުރެވޭ ހާލަތެއްގައި ދައުލަތް ހިނގާ ނުހިނގާގޮތާ މެދު ތަފާތު ހިޔާލާއި ފިކުރުން ވިސްނުމުގެ ފުރުސަތު އާންމުންނަށް ގެއްލި އެ ދޮރު ބަންދުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަވާދު ވިދާޅުވީ ވެރިކަމާ މެދު އާންމުންނަށް ގޮތް ނިންމޭނީ މައުލޫމާތު ހުރެގެން ކަމަށެވެ.
މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮންނަ އެންމެ ހަރުދަނާ އެއް މުއައްސަސާއަކީ މީޑިއާ ކައުންސިލް ކަމަށް ސަވާދު ގަބޫލުކުރައްވަ އެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ އެއްވެސް ދައުރެއް އެ ކައުންސިލްގައި ނެތުމުންނެވެ.
ނަމަވެސް މި ބިލު ފާސްވެއްޖެ ނަމަ މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮންނަ "ފަންގިފިލާ އެއްކޮށް ދިޔައީ" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އެއާއެކު، މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން އެކުލަވާލާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިސަނަށް މެންބަރުން އައްޔަންކުރާ ގޮތުގެ ތަފްސީލު ވެސް ސަވާދު ހިއްސާކުރެއްވި އެވެ. އޭނާ ވަނީ، ހަތް މެންބަރުން އެކުލެވޭ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ތިން މެންބަރަކު އައްޔަންކުރާއިރު، އެ ކޮމިސަންގެ ރައީސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަން ފާހަގަކުރައްވައިފަ އެވެ.
މި ބިލުން އާންމުން ސޯސަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން ފިޔަވަޅު އެޅެން އެބައޮތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ހުރިހާ އުމުރުފުރައިގެ މީހުން ސޯޝަލް މީޑިއާ ބޭނުންކުރާކަން ފާހަގަކުރައްވައި ސަވާދު ވިދާޅުވީ މި ބިލުން ދިވެހީން ޖަލަށްލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.