މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 1.7 މިލިއަން ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުން ޓޫރިޒަމްގެ އަމަޒެއް ކަމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެ އަމާޒް ހާސިލްކުރުމަށް އިތުރު 598,215 ޓޫރިސްޓުން މިއަހަރުގެ ނިޔަލަށް އަންނަން ޖެހެ އެވެ.
އެ މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދިހަ ޕަސެންޓް އިތުރު ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 11 ގެ ނިޔަލަށް ރާއްޖެއަށް 1,701,785 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އހަަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 1,546,319 ޓޫރިސްޓުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ 11 ދުވަސް ތެރޭ ރާއްޖެއަށް ވަނީ 65,296 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 54,292 ފަތުރުވެރިންނާ އަޅާ ބަލާއިރު، 20 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން މިހާރު އަންނަނީ ޗައިނާއިންނެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ 5 ގައުމަކީ:
- ޗައިނާ: 279,690 ޓޫރިސްޓުން
- ރަޝިއާ: 208,329 ޓޫރިސްޓުން
- އިނގިރޭސިވިލާތް: 149,424 ޓޫރިސްޓުން
- ޖަރުމަނުވިލާތް: 120,922 ޓޫރިސްޓުން
- އިޓަލީވިލާތް: 106،230 ޓޫރިސްޓުން