ފޮޓޯ ނެގުމަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތް. ވަރަށް ކުޑައިރު ބައްޕަ ފޮޓޯ ނަގާތަން ފެނިފައިވޭ. ފުރަތަމަ ކެމެރާ ލިބުނު ފަހުން ފޮޓޯ ނެގުމަކީ އޭނާގެ ހޮބީ. ފޮޓޯގްރަފީ ކޯހެއް ހެދީ އިތުރަށް އެ މަސައްކަތް ދަސްކުރުމުގެ ބޭނުމުގައި. ފޮޓޯ ނެގުމުގެ މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް މިހާރު ލިބިފައިވޭ. ގިނަ އިވެންޓްތަކެއްގައި އަންހެން ފޮޓޯގްރާފާއެއްގެ ގޮތުގައި ހުރެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ. އެންމެ ގިނަ ތަޖުރިބާ މިހާތަނަށް ލިބިފައި ވަނީ ސްޕޯޓްސް ފޮޓޯގްރަފީގައި. އެއަށްފަހު ވެޑިން އިވެންޓްތަކުގެ ފޮޓޯނެގުމުގެ މަސައްކަތް ފެށި. ވެޑިން ފޮޓޯ ނެގުމުގައި އެންމެ އިސްކަމެއް ދެނީ، އެ ހަފްލާގެ އެންމެ ޚާއްސަ ވަގުތުތައް ފޮޓޯއިން ދައްކައި ދިނުމަށް.

ކުދިން ބޮޑުވަމުން އަންނައިރު ގޭ ތެރެއިން ގިނަ ކަންކަން ދަސްކުރެ އެވެ. އޭނާގެ ބައްޕައަކީ ފޮޓޯގްރަފީއަށް ޝައުގުވެރިވާ މީހެކެވެ. އެހެންވެ އޭނާގެ ބައްޕަގެ ބޭނުންކުރާ ކެމެރާ ވަނީ ވަރަށް ގާތުން ފެނިފަ އެވެ. އޭގެ އަހަރުތަކެއް ފަހުން 2018ގައި އޭނާ ހިމެނުނީ ބަންގްލާދޭޝަގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކަވާކުރަން ދިޔަ ދިވެހި މީޑިޔާ ޓިމްގައި ހުރި ހަމައެކަނި ދިވެހި އަންހެން ފޮޓޯގްރާފަރަށެވެ.

އެއީ ނ. މިލަދޫއަށް އުފަން ޝުއާދު އަބްދުއް ސައްތާރު (ޝޫ) އެވެ. ޝޫއަކީ އަބަދުވެސް ކެމެރާއާ ރައްޓެހި ޒުވާނެކެވެ. އޭނާއަށް ފުރަތަމަ ޑިޖިޓަލް ކެމެރާއެއް ލިބުނީ އަމީނިއްޔާ ސްކޫލް ގްރޭޑް 8ގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެވެ. ކެމެރާ ގަނެދިނީ އޭނާގެ ބައްޕަ އެވެ. އެއަށްފަހު ފޮޓޯނެގުން އޭނާގެ ހޮބީއަކަށްވި އެވެ. އޭނާ ކުޑައިރު ފޮޓޯ ނެގި ނަމަވެސް މިހާރު ބޭނުން ވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށެވެ.

އުފާވެރި ދުވަހެއްގެ އުފާވެރި ވަގުތު ތަކެއް އެއްފޮޓޯއަކުން: ފޮޓޯއަކީ ކަންހިނގައި ދިޔަ ވަގުތުގެ އިހްސާސް ކިޔައިދޭ އެއްޗެއް

"އަމިއްލަ ޑިޖިކެމް އެއް އޮންނާތީ ސްކޫލުގައި އުޅޭއިރު އަބަދުވެސް ފޮޓޯ ނަގާނީ އަޅުގަނޑު. ކުލާސް ތެރޭގައި، ކުލާހު ކުދިންގެ ފޮޓޯ ވެސް ނަގައިދެން. އަދި ރައްޓެހިންނާއެކީ ބޭރަށް ދާއިރު ވެސް ފޮޓޯނަގާ މީހަކީ އަޅުގަނޑު،" ޝޫ ބުންޏެވެ.

ޝޫގެ ސްކޫލް ދައުރު ފެށުނީ މިލަދޫ ސްކޫލުންނެވެ. އެއަށްފަހު މާލެއަށް ބަދަލުވެ، ޣިޔާސުއްދީން ސްކޫލުންނާއި އަދި އަމީނިއްޔާ ސްކޫލުން ކިޔެވި އެވެ. 2011 ގައި އޯލެވެލް ހެދުމަށްފަހު އޭނާ ބޭނުންވީ އޭނާގެ ހޮބީ އިތުރު ހަރުފަތަކަށް ގެންދާށެވެ. އެކަން ކުރެވެން އޮތީ ކެމެރާއާ ކުޅެން ރަނގަޅަށް ދަސްވުމުންނެވެ. އެކަން ހާސިލްކުރީ ޕޯޓްރެއިޓް ގެލެރީއިން ހިންގާ ބޭސިކް ފޮޓޯގްރެފީ ކޯސް ފުރިހަމަ ކޮށްގެނެވެ. އެއަށްފަހު އޭނާ ފޮޓޯ ނަގަން ފެށި އެވެ. އަދި ސޯޝަލް މީޑިއާގައި އޭނާ ނަގާ ހިތްގައިމު ފޮޓޯތައް ހިއްސާ ކުރަން ފެށި އެވެ.

ޝޫ ނަގާފައިވާ އޭނާގެ ދެފަރާތުގެ މާމަގެ ފޮޓޯ: ދެމާމައަކީވެސް ޝޫގެ ހަޔާތުގައި ވަރަށް މުހިންމު ދެމީހުން

ސްޕޯޓްސް ފޮޓޯގްރަފާއެއްގެ ގޮތުގައި މުހިންމު ތަޖުރިބާތަކެއް ލިބުނު

އިމޭޖަސް އެމްވީއަކީ ޝޫގެ ފޮޓޯގްރަފީގެ ހަޔާތުގައި ގިނަ ތަޖުރިބާތަކެއް ލިބިގެން ދިޔަ ފޮޓޯ އެޖެންސީއެކެވެ. އެތަނުގައި މަސައްކަތް ކުރީ 2018 އިން ފެށިގެން 2015އާ ހަމައަށެވެ. އެ އެޖެންސީއާ ގުޅުނުއިރު އޭނާއަށް ސްޕޯޓްސް ފޮޓޮގްރަފީ އެއްވެސް ވަރަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އެ ކަމަށް ޝައުގުވެރިކަން ހުރުމުން ވަރަށް ފަސޭހައިން އެ މަސައްކަތް ދަސްވި އެވެ. އޭނާ ވަނީ ފުޓްސަލް، ބާސްކެޓްބޯލް، އަދި ޓީޓީ ފަދަ ގިނަ ކުޅިވަރުގެ އިވެންޓްތަކުގެ ފޮޓޯ ނަގައި އޭނާގެ މީޑިއާ ޓީމް ހިތްހަމަޖެހޭ ފަދަ މަސައްކަތެއް ކޮށްދީފަ އެވެ.

ރާއްޖެއިން ބޭރުގައި ވެސް ގިނަ ސްޕޯޓްސް އިވެންޓްތައް އޭނާ ވަނީ ކަވަރުކޮށްފަ އެވެ. ޚާއްސަކޮށް މީޑިއާ ޓީމްގައި ހުރި ހަމައެކަނި އަންހެން ފޮޓޯގްރާފާގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަން އުފަލާއެކު އޭނާ ފަހަގަކުރި އެވެ.

އިމޭޖަސް ގެ ޓީމްއާއެކީ ފޮޓޯއަކަށް ހުއްޓިގެން: ސްޕޯޓްސް ފޮޓޯގްރްފީގައި މަސައްކަތް ކުރިއިރު ޓީމްގެ ފަރާތުން ވަރަށް ބޮޑުސަޕޯޓެއް ލިބުނު

"2018ގައި ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗުތައް އިމޭޖަސް އެމްވީގެ ފަރާތުން ކަވަރު ކުރުމުގައި އަޅުގަނޑު އުޅުނިން. އެއީ އެގޮތަށް ޝޫޓްކުރި އެންމެ ބޮޑު އިވެންޓް. އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔަ. 2023 ގައި މަޑަގަސްކާގައި ބޭއްވި އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް އަޅުގަނޑު މީޑިއާ ޓީމްގައި ހުރި ހަމައެކަނި އަންހެން ފޮޓޯގްރާފަގެ ގޮތުގައި މަސައްކަތް ކުރިން،" ޝޫ ކިޔައިދިނެވެ.

ކައިވެނީގެ މުހިންމު ހަނދާންތަކެއް ހިމެނޭ ފޮޓޯއެއް: ކައިވެނީގެ ފޮޓޯ ނެގުމަށް ރައްޓެހިން ހިތްވަރުދިން

ކައިވެނީގެ ޚާއްސަ ވަގުތު ފޮޓޯއިން ދައްކާލުން: ޝޫ އެންމެ ޝައުގުވެރިވާ މަސައްކަތް

ކޮވިޑަށްފަހު އިމޭޖް އެމްވީއިން އޭނާ ވަކިވި އެވެ. ދާނެ މިސްރާބު ގެއްލިފައި ހުއްޓައި، ފޮޓޯގްރާފާ ސުހެއިލް ސައީދު ވެޑިން އިވެންޓެއްގެ ފޮޓޯ ނެގުމަށް ޝޫ ގެންދިޔަ އެވެ. އެރޭ އެއިވެންޓްގައި އޭނާ ނެގި ފޮޓޯތައް ޓިކްޓޮކް އަދި އިންސްޓްގްރާމްއަށް ލުމުން ވަރަށް ގިނަ މީހުންގެ ތަރުހީބު އެ ފޮޓޯތަކަށް ލިބިގެން ދިޔަކަށް ޝޫ އުފަލާއެކު ފާހަގަކުރި އެވެ.

ޝޫ ނަގާފައިވާ ކައިވެނީގެ ފޮޓޯއެއް: އޭނާދެކޭ ގޮތުގައި ފޮޓޯ ފުރިހަމަނުވިޔަސް އޭގެ އަސްލު ދައްކައިދެވޭނެ

ޝޫ ދެކޭގޮތުގައި ފޮޓޯއަކީ ފުރިހަމަވާން ޖެހޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް، އެ މުހިންމު ވަގުތުގައި ކަން ހިނގައި ދިޔަގޮތުގެ އިހުސާސް ކިޔައިދޭ އެއްޗެކެވެ. އެ ދުވަހުގެ ތަޖުރިބާއަށްފަހު އޭނާ ވެޑިން ފޮޓޯގްރަފާއަކަށް ބަދަލުވި އެވެ. އަދި ވަރަށް ތަފާތު ސްޓައިލަކަށް ވެޑިން ފޮޓޯ ނަގަން ފެށި އެވެ. އާންމުކޮށް ބެކްޑްރޮޕް ކުރިމަތީ ހުއްޓި ހުރެގެން ނަގާ ފޮޓޯއާ މުޅިން ތަފާތު ސްޓައިލަކަށެވެ.

ކައިވެނީގެ ކޭކުފަޅާ ފޮޓޯއެއް: ހަމަ އެކަނި ބެކްޑްރޮޕް ކުރިމަތީހުރެ ނަގާފޮޓޯ އަށްވުރެ، ހަފްލާތެރޭގެ ޚާއްސަ ވަގުތުތަކުގެ ފޮޓޯ ނެގުމަށް އޭނާ ޝައުގުވެރިވޭ

"ބެކްޑްރޮޕްގެ ކުރިމަތީ ދެ މީހުން ހުއްޓިގެން ހުރެ ނަގާ ފޮޓޯ އަޅުގަނޑަށް އެހާ ކަމަކު ނުދޭ. ޒަވާޖީ ހަޔާތެއް ފަށާ ދުވަހަކީ ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑު ބޮޑަށް ބޭނުން ވަނީ އެހާ މުހިންމު ދުވަހެއް ދެމީހަކު ފަށާއިރު އެ ހާއްސަ ވަގުތު، ފޮޓޯއަކުން ދައްކައިދޭން. އެ ދުވަހުގެ އިހުސާސްތައް ދައްކައިދޭ، ބުނެދޭ ކަހަލަ ފޮޓޯ ނަގަން އަޅުގަނޑު ބޭނުންވަނީ،" އޭނާ ބުންޏެވެ.

ދިވެހި ސަގާފީ ކުލަ ހިމެނިފައިފާ ފޮޓޯއެއް: އެޚާއްސަ ދުވަހުގެ ހަނދާންތައް ނުގެއްލޭގެ ގޮތަކަށް ފޮޓޯ ނެގުމަކީ މުހިންމުކަމެއް

ފޮޓޯގްރަފީއަށް ދިއުމުގައި ދަތި އުނދަގޫތަކެއް

ޝޫ މިއަދު ފޮޓޯގްރެފީގައި ދެމިހުރެވުނީ އޭނާގެ ހިތްވަރުގަދަ ކަމުންނޭ ބުނެވިދާނެ އެވެ. ފުރަތަމަ އެ ދާއިރާއަށް ނުކުތް ދުވަސްވަރު އެ މަސައްކަތަކީ މި މުޖްތަމައުގައި އަންހެން ކުއްޖަކަށް އެކަށޭނަ ނޫން، ކުރިއަށް ދިއުމަށް ވެސް ރަނގަޅު ނޫން، އަދި މުސްތަގްބަލެއް ވެސް ނެތް މަސައްކަތެއް ކަމުގައި ދެކެވިފައިވާ ދުވަސް ވަރެކެވެ. އެކަމުގެ އަސަރު އޭނާއަށް ކޮންމެ ވެސް ވަރަކަށް ކުރި އެވެ.

ޝޫ ފޮޓޯ ނަގަނީ: އެންމެ ހިތްހަމަޖެހޭ މަސައްކަތީ ފޮޓޯގްރަފީ

ޝޫ ބުނިގޮތުގައި ފޮޓޯގްރަފީއަކީ ކޮންމެ ޖިންސަކަށް ވެސް މިއަދު ހަމަހަމަ ފުރުސަތެއް އަދި މުސްތަގްބަލެއް ވެސް އޮތް މަސައްކަތެކެވެ.

މިއަދު އޭނާގެ ޓިކްޓޮކް އަދި އިންސްޓާގައި "ޝޫ ފޮޓޯގްރާފާ"ގެ ނަމުގައި ހިންގާ ޕޭޖް ފުރިފައި ވަނީ ހިތްގައިމު ފޮޓޯތަކުންނެވެ. އާއިލާ ތެރެއިން ވެސް އަދި މީޑިއާ ތެރެއިން ވެސް އޭނާއަށް ބޮޑު ސަޕޯޓެއް ލިބެ އެވެ. އަދި ޚާއްސަކޮށް ރައްޓެހިން އަބަދުވެސް ދޭ ހިތްވަރު އޭނާ އުފަލާއެކު ފާހަގަކުރެ އެވެ.