އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫގެ ޝާހީ ލަގަބުތަކާއި ގަނޑުވަރު އަތުލައްވައި، ޝާހީ އާއިލާއިން އޭނާ ބޭރު ކޮށްލައިފި އެވެ.
މިކަން އިއުލާނު ކުރަމުން، އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިިންހަމް ޕެލަސް އިން ބުނީ، ރަސްގެފާނު ޗާލްސްގެ ނިންމެވުމުގެ ދަށުން އެންޑްރޫ ގަނޑުވަރުން ވެސް ބޭރުކޮށްފައިވާ ކަމަށެވެ.
ޕްރިންސްގެ ލަގަބު އަތުލުމުން، އެންޑްރޫއަށް މިއަށް ފަހު މުހާތަބު ކުރެވޭނީ އޭނާގެ ފުރިހަމަ ނަންކަމަށްވާ އެންޑްރޫ މައުންޓްބެޓަން ވިންޑްސާގެ ނަމުންނެވެ.
ޝާހީ އާއިލާ އާއި ގަނޑުވަރުން އެންޑްރޫ ބޭރު ކުރައްވަން ރަސްގެފާނު ޗާލްސް ނިންމެވީ، އެންޑްރޫއާއި ޖެފްރީ އެޕްސްޓީނާ ދެމެދު އޮތް ގާތް ގުޅުންތައް މީޑިޔާއަށް ތިލަވެ، އެންޑްރޫއާ ދެކޮޅަށް ޖިންސީ ކުށުގެ ދަޢުވާތަކެއް ހުށަހެޅިފައި އޮތުމާއެކު، އެ ލަދުން ޝާހީ އާއިލާ ސަލާމަތް ކުރައްވައި، ފެޔަށް ޖެއްސެވުމުގެ ގޮތުންނެވެ.
އެޕްސްޓީނަކީ އިންސާނީ ވަގުފާރީގައި ކުޑަ އަންހެން ކުދިން ބޭނުންކުރުމާއި، ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުން ކުރުމުގެ ދައުވާ ސާބިތުވެފައިވާ ކުށްވެރިއެކެވެ. އެކަމުގެ ކުށް ސާބިތުވެ އޭނާ ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ހިއްވައި ޖަލަށް ލާފަ އެވެ. އޭނާ މަރުވީ ވެސް ޖަލުގޮޅިގައި އަމިއްލައަށް ދަންޖެހިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 65 އަހަރުގެ އެންޑްރޫއަކީ ރާނީ އެލިޒަބަތުގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އެޕްސްޓީން އާއި އެންޑްރޫއާ ދެމެދު އޮތް ގާތް ގުޅުންތައް ދުނިޔޭގެ ލޯމައްޗަށް ހާމަވުމާއެކު، ޑޫކް އޮފް ޔޯކްގެ ލަގަބު ދޫކޮށްލުމަށް އެންޑްރޫއަށް ކުރިން މަޖުބޫރުވި އެވެ. ބަކިންހަމް ޕެލަސްއިން ބުނީ، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގުގައި ހުންނަ ޝާހީ ގަނޑުވަރު، ވިންޑްސާ އެސްޓޭޓްގައި ހުރި ރޯޔަލް ލޮޖުން ނިކުތުމަށް އެންޑްރޫއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ.
ޝާހީ ގަނޑުވަރުން އެންޑްރޫ ބޭރު ކުރެއްވުމަކީ މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރަސްގެފާނު ޗާލްސް ފަހުގެ ތާރީހެއްގައި ނިންމަވާފައިވާ އެންމެ އާދަޔާހިލާފު ނިންމެވުމުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
އެންޑްރޫއަކީ ކުރިން އިނގިރޭސިވިލާތުގައި އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ގޮފީގައި ހިދުމަތްކޮށްފައިވާ އިސް އޮފިސަރެކެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި އާޖެންޓީނާއާ ދެކޮޅަށް ކުރި ފޯކްލެންޑްސް ހަނގުރާމައިގައި ވެސް އިސް ދައުރެއް އަދާ ކޮށްފައިވާ މީހެކެވެ. އަދި، އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާގެ ސަފީރު ކަމުގެ މަގާމު ވެސް އޭނާ ފުރި އެވެ. ނަމަވެސް، 2011 ވަނަ އަހަރު އޭނާއަށް ވަނީ އެ މަގާމުން ވެސް ވަކިވުމަށް މަޖުބޫރުވެފަ އެވެ.
ޝާހީ އާއިލާގެ އެންމެހާ ޒިންމާތަކުން އެންޑްރޫ އެކަހެރިވެފައި ވަނީ 2019 ވަނަ އަހަރު އެވެ. އަދި، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ޝާހީ ގަނޑުވަރުން ވަނީ އެންޑްރޫގެ އަސްކަރީ ލަގަބުތައް ވަކިކޮށް، ޝާހީ ގަނޑުވަރުގެ ހުރިހާ ބާރުތަކެއް ވެސް އަތުލައިފަ އެވެ.
ޝާހީ ގަނޑުވަރުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ ރާނީ އެލިޒަބަތު އަވަހާރަވެ ވަޑައިގެންނެވުމުގެ ކުރިން، ރާނީގެ އަމުރަށެވެ. އެންޑްރޫގެ ލަގަބުތައް ވަކިކުރައްވައި، އޭނާ އެކަހެރި ކުރުމަށް ރާނީ އަމުރު ކުރައްވާފައި ވަނީ 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމާ ގުޅިގެންނެވެ. އެންޑްރޫ ދަނީ އެ ތުހުމަތަށް އިންކާރު ކުރަމުންނެވެ.
މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށަނީ
ހަނގުރާމައަށް ފަހު ގާޒާގެ ބޭންކްތައް ހުޅުވި އިރު ފައިސާއެއް ނެތް