އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 56 މީހުން މަރުވެއްޖެ އެވެ.

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމުގެ ސަބަބުން ހުރިހާ އޮފީސްތަކާއި ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ހަފުތާއިން ފެށިގެން އެ ގައުމަށް ކުރަމުންދާ ވިއްސާރައިގައި 600 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބުރާސްފަތި ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ހިނގާފަ އެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ --- ފޮޓޯ: އެކްސް

ބުރާސްފަތި ދުވަހު އެކަނި ވެސް ފަރުބަދަމަތީ ސަރަހައްދުތައް ކަމަށްވާ ބަޑުއްލާ އަދި ނޫރައްލިޔާ އިން 25 މީހުން މަރުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ އިތުރުން އެ ސަރަހައްދުން 21 މީހަކު ގެއްލިފައިވާއިރު، 14 މީހަކަށް ހާދިސާތަކުގައި އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލަންކާގެ އެކި ސަރަހައްދުތަކުން މީހުން މަރުވެފައިވެ އެވެ. މިއާއެކު ހުކުރު ދުވަހު ވަނީ ހުރިހާ އޮފީސްތަކާއި ސުކޫލުތައް ބަންދުކުރިކަން ސަރުކާރުން އިއުލާންކޮށްފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ކޯރުތައް ފުރި ބަންޑުންވަމުން ދިއުމާއި ގުޅިގެން އެއްގައުމު ދަތުރުފަތުރު ތަކަށްވެސް ވަނީ ހުރަސްއެޅިފަ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތައް މެދުކަނޑާލާފައިވާއިރު، ބައެއް މަގުތަށްވެސް ވަނީ ފެންބޮޑުވުމާއި ކިސަޑު އަދި ވެއްޓިފައިވާ ގަސްތަކުގެ ސަބަބުން ބަންދުކޮށްފަ އެވެ.

ވިއްސާރައިގައި ހަލާކުވެފައިވާ މަގެއް --- ފޮޓޯ: އޭއެފްޕީ

ލަންކާގެ ރެސްކިއު ޓީމްތަކުން ދަނީ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.