އޭނާ އަތްތެރި މަސައްކަތަށް އަބަދުވެސް ޝައުގުވެރިވޭ. ކަހަނބު ފަތުންނާއި އެންދެރިން ތަފާތު ވައްތަރުގެ އެއްޗެހި ހެދި. ފަހުން ބޭނުންކުރަން ފެށީ ބޮއްޔާއި ލަކުޑި. އޭނާ ހަދާ ތަކެތި ބޮޑަށް ޓާގެޓް ކުރަނީ ޓޫރިސްޓުންނަށް. އެ މީހުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައީ އޭނާގެ ޝޯރޫމްއާ އިންވެގެން ހުޅުވި ވޯކްޝޮޕްގައި ކުރާ މަސައްކަތް ފެންނަން ހުންނާތީ. ދެ ފަހަރެއްގެ މަތިން އޭނާގެ ވިޔަފާރިއަށް ލޮޅުން އައި. ފުރަތަމަ ފަހަރަކީ ސުނާމީ. ދެވަނައަށް ކޮވިޑްގެ ސަބަބުން. ނަމަވެސް ދެފަހަރު ވެސް ހިތްވަރާއި، ހިއްމަތާއި މިންނަތާއެކު ވިޔަފާރި ކޮޅަށް ޖެހި. މިއަދުގެ ޒުވާނުންނަށް އޭނާ ދޭ ނަސޭހަތަކީ އަމިއްލަ ފައި މައްޗަށް ތެދުވުމަށްޓަކައި ހުނަރުވެރި މަސައްކަތެއް ކުރުމަށް.

ހުނަރުވެރި މަސައްކަތެއް ދަސްވެފައި ހުރުމަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން އެ މަސައްކަތުން ދިރިއުޅުން އާރާސްތުކުރުމަށް އެހީ ވެދޭނެ ކަމެކެވެ. އަތްތެރި މަސައްކަތް ކުރުމުގައި ވަރަށް ކާމިޔާބުކަމާ އެކީ 30 އަހަރު ހޭދަކޮށްފައިވާ މި ހުނަރުވެރިޔާ އެހެން ސިނާއަތްތަކުގައި ވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ހަމަ ކޮންމެ ފަހަރަކު ވެސް އެ މަސައްކަތަށް އެނބުރި އާދެވެނީ އެ މަސައްކަތުން ބާރުވެރިކަމެއް ލިބިފައިވާކަމުގެ އިހްސާސް ކުރެވޭތީ އެވެ.

މީގެ 47 އަހަރު ކުރިން އައްޑޫ މީހުން ރިސޯޓެއްގަ މަސައްކަތް ކުރަން ބޭނުންނަމަ، ދާން ޖެހެނީ ކ. އަތޮޅުގެ ކޮންމެ ވެސް ރިސޯޓަކަށެވެ. އެއީ އެކަން އޭރު ހަމަޖެހިފައިވާ ގޮތެވެ. ރިސޯޓުން ވަޒީފާ ހަމަޖެހުމަށްފަހު، އެ މީހުންނަށް، ދެން އާއިލާއާ ބައްދަލު ވެވެނީ އެއްއަހަރު ފަހުންނެވެ. އޭގެ ސަބަބުން ގިނަ މީހުންގެ ޒަވާޖީ ހަޔާތަށް އޭގެ ނޭދެވޭ އަސަރު ކުރި އެވެ.

ސ. މީދު އަށް އުފަން މުހައްމަދު ދީދީ (ދީދި) ގެ އަލަތު ކައިވެނި ރޫޅުނީ ވެސް އެ ސަބަބާ ހުރެ އެވެ. ދެން އޭނާ ދެވަނަ ކައިވެންޏެއް ކޮށް ކ. ހުރާއަށް ދިރިއުޅުން ބަދަލުކުރި އެވެ. އެއީ 1970 ފަހު ކޮޅެވެ. އެ ދުވަސްވަރު ހުރާ ވަނީ ވަރަށް ބޮޑަށް ޓޫރިސްޓް ވިޔަފާރިއަށް ހުޅުވާލެވިފަ އެވެ.

ދީދީގެ ގޭކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން: އަބަދު ވެސް އަތްތެރި މަސައްކަތަށް ޝައުގުވެރިކަން ހުރޭ

"ކްރިއޭޓިވް" މަސައްކަތަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ދީދީ، އޭރު އެންދެރިންނާއި ކަހަނބު ފަތުން ތަފާތު ވައްތަރުގެ އެއްޗެހި ވަރަށް މޮޅަށް ހަދަ އެވެ. ވަރަށް ކާމިޔާބުކަމާ އެކީ އެ މަސައްކަތުގައި ދުވަސްކޮޅަކު އުޅެފައި ދެން އޭނާ ފޯސީޒަންސް ރިސޯޓްގެ ވަޒީފާއަށް ބަދަލުވި އެވެ.

ފޯ ސީޒަންސް ރިސޯޓް ހުރާއާ ކައިރިވުމުން، އޭނާގެ ދިރިއުޅުމަށް ލުއިތަކެއް ލިބުނެވެ. ގިނަ ގިނައިން ރަށުގައި އުޅޭ އައިލާ ކައިރިއަށް ޒިޔާރަތް ކުރެވެ އެވެ. އަންހެނުންނާއި ކުދިންނާ އެކީ ގިނަ ވަގުތު ހޭދަކުރެވެ އެވެ.

"އެރިސޯޓުގެ އިންޖިނިއަރިންގެ މަސައްކަތުގައި އުޅުނީ. ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު ޖެހުނު މައްސަލައެއްގައި އަޅުގަނޑު ވަޒީފާއިން ވަކިވާން ޖެހުނު. ދެން ހިތަށްއެރީ ދުވަހަކު ވެސް މީހެއްގެ އަތްދަށުގައި މަސައްކަތެއް ނުކުރާނަމޭ. އަމިއްލަ ފައި މައްޗަށޭ ތެދުވާނީ. އެހެން ހިތަށް އަރާ މިމަސައްކަތް ފެށީ،" ދީދީ ބުންޏެވެ.

ލަކުޑިން ތައްޔާރު ކޮށްފައިވާ ބައެއް ތަކެތި: ކުރިން ކަހަނބު ފަތާއި އެންދެރިން ވެސް އެކިއެއްޗެހި ތައްޔާރު ކުރި

އޭނާ މިފަހަރު އަތްތެރި މަސައްކަތް ފެށީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ، ބޭނުންވާ މެޝިނެރީ ވެސް ހޯދައިގެންނެވެ. އެއި 2004 ގަ އެވެ. އެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ނުފެށި އުޅެނިކޮށް އެ އަހަރު އެރި ސުނާމީގައި ބައެއް ތަކެތި ހަލާކުވި އެވެ. ފަހުން ހިތްވަރު ކޮށްފައި ހުރިހާ މެޝެނަރީއެއް ހަމަކޮށްގެން އަލުން މަސައްކަތް ފެށި އެވެ.

އޭނާ ކުރާ މައިގަނޑު މަސައްކަތަކީ ބޮލި ބޭނުންކޮށްގެން ތަފާތު (ސުވެނިއާ) ސާމާނު ހެދުމެވެ. އާންމުކޮށް ތައްޔާރު ކުރަނީ ތަށި، ޓްރޭ، ގަހަނާގެ ތެރޭގައި ހިމެނޭ އަތުގައި އަޅާ އުޅަލާއި ކަންފަތު ލާ މުދި ފަދަ އެއްޗެއްސެވެ. ކޮންމެ ވެސް ވަރަކަށް ލަކުޑިން ހަދާފައިވާ ބައެއް ތަކެތި ވެސް އޭނާ ތައްޔާރު ކުރެ އެވެ.

"މިމަސައްކަތް ފުރަތަމަ ފެށީ ސީދާ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، އަޅުގަނޑުގެ ގޭގެ އެއްބައި އެ މަސައްކަތަށް ޚާއްސަކޮށްގެން. އެތާ ހުންނާނެ ޝޯރޫމަކާއި ވާކްޝޮޕެއް ވެސް. އަދި މަސައްކަތްކުރާ ތަން މީހުންނަށް ފެންނަން ހުންނާނެ،" ދީދީ ކިޔައިދިނެވެ.

އޭނާ އުފައްދާ ތަކެތި ވިއްކަން ޓާގެޓްކުރާ ބަޔަކީ ޔޫރަޕް މީހުންނެވެ. އޭނާގެ ވާކްޝޮޕް މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމުގެ ބޭނުމަކީ، އެ ގަންނަ މީހާގެ އިތުބާރު ކަޝަވަރު ކުރުމެވެ. އޭނާ އުފައްދާ ތަކެއްޗަކީ 100 ޕަސެންޓް "އޯތެންޓިކް" އެއްޗެހިކަން އެ ގަންނަ މީހާއަށް އަންގައި ދިނުމެވެ.

ދީދީގެ ޝޯރޫމްގަ ފޮޓޯއަކަށް ހުއްޓިލައިގެން: ޝޯރޫމްއަކާ އިންވެގެން ވާކްޝޮޕެއް ހެދީ މަސައްކަތް ކުރާތަން މީހުންނަށް ދެއްކުމުގެ ބޭނުމުގައި

"ހަދާތަން ދެއްކުމުން ވާގޮތަކީ އެފަރާތަށް ޔަގީންކަން ލިބޭ އެއީ އަޅުގަނޑުމެން އުފައްދާ ތަކެތިކަން. އެހެންވެ ވަރަށް އުފަލުން މީހުން މިތަނުން ތަކެތި ގަންނަނީ،" ދީދީ ބުންޏެވެ.

ދީދީގެ މަސައްކަތް ފުޅާވެ ކުރިއަމުން ދަނިކޮށް ކުއްލިއަކަށް ރާއްޖެއަށް ކޮވިޑްގެ ހާލަތު ދިމާވި ދަނޑުވަޅުގައި، އޭނާ ކުރަމުން އައި މަސައްކަތް "މަރުވި" ކަމަށް އޭނާ ސިފަކުރި އެވެ. އެއީ ޔޫރަޕް މީހުން ރާއްޖޭގެ ރައްރަށަށް އެރުން މަނާވެފައި ވުމުންނެވެ. އެއާ ވިދިގެން އޭނާ ކައިރީގަ މަސައްކަތް ކުރަން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ވެސް ފޮނުވާލި އެވެ. ނަމަވެސް ފަހުން ކޮވިޑްގެ ހާލަތުން އަރައި ގަނެވުމުން އަނެއްކާ މަޑުމަޑުން މަސައްކަތް ފެށި "ދިރުން" ލިބެން ފެށި އެވެ. މިއަދު ވެސް އެހުރީ އެ މަސައްކަތުގައި އެގޮތުގައި ކާމިޔާބު ކާމާއެކީ ސާބިތުވެ އެވެ.

އަތްތެރި މަސައްކަތުގައި މެދުނުކެނޑި 30 އަހަރު ވެފައިވާއިރު، އެކަމުން ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް ދީދީ ބުންޏެވެ.

"އަމިއްލަ ގޯތިގައި، އަޅުގަނޑުގެ ގެ ހެދީ މި މަސައްކަތުން ލިބޭ އެއްޗަކުން، ދަރަންޏެއް ނުނަގަން. ހަމަ މި މަސައްކަތުން ލިބޭ އެއްޗަކުން އަޅުގަނޑުގެ އާއިލާގެ 14 މީހުންގެ ހުރިހާ ޚަރަދެއް ވެސް މިބަލަހައްޓަނީ،" ދީދީ ބުންޏެވެ.

ދީދީ އުފައްދާ ބައެއް ތަކެތި: މަސައްކަތް ކުރުމަށް ޚާއްސަ މެޝިނެރީ އޭނާ ގެންގުޅޭ

އޭނާ ބުނިގޮތުގައި ކުރިއާ ޚިލާފަށް، ފަހުގެ ދިރާސާތަކަށް ފަހު މިމަސައްކަތް ފަސޭހާއިން ކުރެވޭނެ މަގު މިއަދުވާނީ ފަހިވެފަ އެވެ. އެކަމަށް ބޭނުންވާ އާ މެޝިނަރީސް (އާލާތް) މިއަދު އެބަހުއްޓެވެ. އެހެންނަމަ ވެސް ދިވެހި ޒުވާނުން އެމަސައްކަތަށް ދޭ ޝައުގުވެރިކަން ކުޑަކަން ހިތާމަޔާއެކު އޭނާ ފާހަގަކުރި އެވެ.

" މިމަސައްކަތް ކުރިއަރުވަން ޒުވާނުން މިދާއިރާއަށް ގެންނަން އަޅުގަނޑަށް ވަރަށް މަސައްކަތް ކުރެވުނު އެކަމަކު ދަސްކުރަން ޝައުގުވެރިކަމެއް ނުހުރެއޭ ބުނެވިދާނެ. އަޅުގަނޑަށް ފެނުނު ގޮތުގައި ރާއްޖެ މީހުންނަކީ މަސައްކަތް ކުރާހިތްވާ ބައެއްނޫން. މަސައްކަތެއް ދަސްކުރާކަށް ބޭނުމެއް ނުވޭ. އަތުން މަސައްކަތެއް ނުކޮށް ރުފިޔާ ހޯދަން ދިވެހިން ބޭނުންވަނީ،"
ދީދީ

މަސައްކަތުގައި ހުރި އެންމެ ދަތި އުނދަގޫ ކަމެއް ކަމަށް ދީދި ފާހަގަކުރީ، އަތްތެރި މަސައްކަތަށް ރާއްޖޭގައި މާކެޓް ނެތުމެވެ. އޭގެ ސަބަބުން ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ކުޑަ އަގެއްގައި ވިއްކާލެވޭ ފަދައިން، ރާއްޖޭގައި ބުރަ މަސައްކަތުން ތައްޔާރު ކުރާ ތަކެތި ވެސް ކުޑައަގެއްގައި ވިއްކަން މަޖުބޫރުވާ ކަމަށެވެ.

ދީދީ ތައްޔާރު ކޮށްފައިވާ ގަހަނާ: އަތްތެރި މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ކުރެވިފައިވޭ

މިއަދުގެ ޒުވާނުންނަށް ދީދީ ދޭ މެސެޖަކީ އަމިއްލަ އުފެއްދުން އުފައްދައިގެން ދިރިއުޅޭނަމަ އެހެން މީހުނަށް ބަރޯސާ ނުވެ މިނިވަންކަމާއެކީ ދިރިއުޅެވިދާނެ ކަމެވެ. ހުނަރުވެރި މަސައްކަތެއް ކުރުމަށް އިސްނެގުމަށެވެ.