ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދޭން އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފި އެވެ.

އޮޑިޓް އޮފީހުން މިގޮތަށް ލަފާދީފައި ވަނީ އެ އޮފީހުން ނެރުނު އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގަ އެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2019 އިން 2024 އަށް އާސަންދަ އާއި އެންސްޕާގެ ޕާފޯމަންސާ ބެހޭ އޮޑިޓުން އެނގޭ ގޮތުގައި އެ މުއްދަތުގައި ބޭސް ފަރުވާއަށް 35.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5.9 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 16 ބިލިއަން ރުފިޔާއަކީ އާސަންދަ ސްކީމަށް ކުރި ހަރަދެވެ.

އެ މުއްދަތުގައި ސްކީމުން ކުރި ހަރަދު 32 ޕަސެންޓް އިތުރެވެ. އޭގެތެރޭގައި ހިމެނެނީ އަލަށް ހިދުމަތް ހޯދި ހަތް ޕަސެންޓް މީހުންނެވެ.

ސިއްހީ ހިދުމަތް ހޯދަން ދައުލަތުގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ މީހުންނަށް އެކަނި އަމާޒުކޮށްގެން ޓާގެޓެޑް ސަބްސިޑީގެ ނިޒާމެއް ތައާރަފުކުރަން ވެސް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓްގައި ލަފާދިން ކަންތައްތަކުގެ ތެރޭގައި އެންމެ ބޮޑުކޮށް ބޭސް ވިއްކޭނެ އަގުތަކެއް ކަނޑައެޅުމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯދާ މީހުންގެ އަތުން ކޮންމެ ވެސް އަދަދެއްގެ ފައިސާ ނެގޭނެ ކޯ ޕޭމަންޓް ނިޒާމެއް ތައާރަފް ކުރުން ހިމެނެ އެވެ.

ދިގު މުއްދަތެއްގައި ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން ޕްރިވެންޓިވް ހެލްތު ކެއާ ނުވަތަ ބަލިވުމުގެ ކުރިން ރައްކާތެރިވާން މަސައްކަތް ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

އާސަންދަ އާއި އެންސްޕާގެ ހަރަދުތަކަށް މިދިޔަ އަހަރު ވެސް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާ ހުސްވެ، އިތުރަށް ވަނީ ހަރަދުކުރަން ޖެހިފަ އެވެ.