މީގެ ކުރިން ނުދެކޭ ފަދަ އާދަޚިލާފު ފައިދިގު މަކުނެއް ބްރެޒިލްގެ ސައިންސްވެރިންނަށް ފެނިއްޖެ އެވެ.
ފެންނަ ފެނުމަށް އެ ފައިދިގު މަކުނު ބޮޑަށް ހީވަނީ އިތާމުތުގެ ހާރެއް އަޅާފައި ހުރުމާ އެވެ. މި އާދަޔާ ޚިލާފު ފައިދިގު މަކުނު އެ މީހުންނަށް ފެނުނީ، ބްރެޒިލްގެ ސައޯޕޯލޯގެ ބުޓަންޓަން އިންސްޓިޓިއުޓްގައި، ފައިދިގު މަކުނާއި ނަގުލަންދާއްޓާ ބެހޭ ގޮތުން މައުލޫމާތު އެއްކުރަމުން ދަނިކޮށެވެ.
އެ މީހުންގެ ލޮލުގައި އަޅައިގަތް މި އާދަޔާ ޚިލާފު ފައިދިގު މަކުނުގެ ކަރުގައިވާ މުތީގެ ހާރާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، އެކަމާބެހޭ ޚާއްސަ ސައިންސްވެރިންނާ ހަވާލު ކުރި އެވެ.
ސައިންސްވެރިން އިތުރަށް ބެލި ބެލުމުން އެނގުނީ މަކުނުގެ ކަރުގައި ހާރެއް ހެން އޮތް "އޮތް ފައްޗަކީ" ބަލިފަތުރާ ފަނިފަކުސާއެއް ކަމަށްވާ "މައިޓް" (ބަލި ފަތުރާ ފަނި ފަކުސާ) ތަކެއް ކަމެވެ.
އެއީ މައިޓްތަކެއް ކަން ދެނެގަނެވުނީ ޚާއްސަ މައިކްރޮސްކޯޕިކް ޓެސްޓްތަކެއް ކުރުމަށް ފަހު އެވެ. އިތުރަށް ކުރި ޓެސްޓްތަކަކަށް ފަހު އެނގުނު ގޮތުގައި އެ މައިޓަކީ "އެރޭނިއޯ ތްރޮމްބިއަމް ބްރެސިލީންސިސް" ނަމަކަށް ކިޔާ ޅަ މައިޓްތަކެކެވެ. އެ ފައިދިގު މަކުނުގެ ކަރުގައިވާ ޅަ މައިޓްތަކުގެ ބޮޑުމިނަކީ 500 މައިކްރޯ މީޓަރެވެ. ނުވަތަ ބައި މިލިމީޓަރެވެ.
މި ކުދި މައިޓް ތަހުލީލު ކުރިއިރު އެ އެއްޗެތިތައް ވަނީ ފައިދިގު މަކުނުގެ ގައިން ލޭ ބޮއެ އެ އެއްޗެތިތަކުގެ ހަށިގަނޑު ފުފިފަ އެވެ. ތަހުލީލު ކުރި ސައިންސްވެރިން ބުނާގޮތުގައި މައިޓްތައް އާންމުކޮށް ދިރިއުޅެނީ ޅަ އުމުރުގެ ފައިދިގު މަކުނުގެ ގައިގަ އެވެ. އޭގެ ކާނާއަކީ މަކުނުގެ ލެ އެވެ.
މިއީ މިފަދަ ފައިދިގު މަކުނެއް ފެނުނު ފުރަތަމަ ފަހަރެވެ. ސައިންސް ވެރިން ދަނީ މިފަދަ ގިނަ އާ ކަންކަން ހޯދައި ދިރާސާ ކުރަމުންނެވެ.