ދިއްލީ (26 އޭޕްރީލް)- އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ގައުމުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ސިއްހީ ސިނާއަތަށް ނުކަތާފައިވާ ދަނޑިވަޅެއްގައި ބައިނަލް އަގުވާމީ މުޖުތަމައުން އެ ގައުމަށް ގިނަ އެހީތަކެއް ހުށަހަޅައިފި އެވެ.

ހާލަތު އެންމެ ގޯސްވެފައިވާ ވެރިރަށް ދިއްލީގެ ގިނަ ހޮސްޕިޓަލްތަކަކުން އޮކްސިޖަން ހުސްވުމުގެ ރިޕޯޓްތައް ލިބިފައިވާއިރު، މިކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމާ މުހާތަބުކުރައްވައި ވިދާޅުވީ އެ ގައުމުގެ ހާލަތު ރަނގަޅުކުރަން ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރުންނާއި މަޝްވަރާކުރަމުން އަންނަ ކަމަށާއި މިއީ ގައުމުގެ ހުރިހާ ރައްޔިތުންގެ ކެތްތެރިކަން އިމްތިހާނުކުރެވޭ ވަގުތެއް ކަމަށެވެ.

އިންޑިއާއަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ވެންޓިލޭޓަރާއި ޕީޕީއީގެ އިތުރުން ކޮވިޑް-19ގެ ޓެސްޓް ކިޓުތައް ވަނީ ފޮނުވައިފަ އެވެ. އަދި އޮކްސިޖަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

އިގިރޭސިވިލާތުން އޮކްސިޖަން ކޮންސެންޓްރޭޓާސް އާއި ވެންޓިލޭޓަރު ހިމެނޭ ގޮތަށް 600 އަށް ވުރެ ގިނަ ސިއްހީ އާލާތްތައް އިންޑިއާއިން ހަދިޔާކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ 23 މޮބައިލް އޮކްސިޖަން ޕްލާންޓް ޖަރުމަނުން އިމްޕޯޓްކުރުމަށް ނިންމައި، އަންނަ ހަފުތާގެ ތެރޭގައި އިންޑިއާއަށް ގެނެވޭ ވަރުވާނެ ކަމަށް ބުނެފަ އެވެ.

އަވަށްޓެރި ޕާކިސްތާނުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ނުތަނަވަސްކަން އެއްފަރާތްކޮށް ސިއްހީ އެހީތެރިކަން އިންޑިއާއަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ޕީޕީއީގެ އިތުރުން އެހެނިހެން ސިއްހީ ވަސީލަތްތައް ހިމެނެ އެވެ.

އިންޑިއާއިން ވަނީ އެ ގައުމުގެ ކޮވިޑު ހާލަތުން އަރައިގަތުމަށް ވެކްސިން ހަދިޔާ ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިފަ އެވެ.

ޖެހިޖެހިގެން ފަސް ދުވަހު އިންޑިއާގައި ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު، ހޯމަ ދުވަހު އެ ގައުމުގައި 352،991 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އަދި އެ ބަލީގައި 2،812 މީހުން ވަނީ މަރުވެފަ އެވެ. -- ސީއެންއެން