މި ރަމަޟާން މަހު ނަގުދު ފައިސާ އަދި ކޭޝް ކާޑުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށްގެން ކަމަށެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އޮންލަންކޮށް ނޫން ގޮތް ގޮތަށް ޒަކާތް ދައްކާ ފަރާތްތަކަށް ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި، ކޭޝް ކާޑާއި ނަގުދު ފައިސާއިން ވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލޭގައި، މި އިންތިޒާމު ހަމަޖައްސާފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުގައި ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ. އަދި މިހާރު އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.
އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ:
- 22 ފެބުރުއަރީ އިން 9 މާޗް އަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 1:00 އަށް
- 10 މާޗުން 19 މާޗް އަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 2:00 އަށް
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާ އިން ކަމަށެވެ. އަދި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުން ކުރާނީ އެ ކަމަށް ޓަކައި ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލް ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ ފިތުރު ޕޯޓަލް މެދުވެރިކޮށް އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށެވެ. އަދި ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ.
މީގެ އިތުރުން ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށް ވެސް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ.
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފެށި ނަމަވެސް މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފަ އެވެ. އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައް
- ދިރާގު މޯބައިލް އެޕް އާއި ދިރާގު ޕޭ ވެބްސައިޓް
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭން ޖެހޭ މާއްދީ އެހީތެރިކަމެކެވެ. ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާން މަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.
ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމުގެ މައްސަލަ އަލުން ކޯޓަށް
ވައި ނުސާފުވުން ދިގުދެމިގެންދަނީ އިރުވައި މޫސުން އަވަސްވުމުން
މިދިޔަ މަހު ޑިޕާޗާ ޓެކުހާއި އޭޑީއެފް %58.6 އިތުރު