އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އިޒްރޭލަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާކަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކަށަވަރުކޮށްދީފި އެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިސްލާމީ ޖުމްހޫރިއްޔާ އީރާނާ ދެކޮޅަށް ހަރުކަށި އަދި މުޖުރިމު ދުޝްމަނުން ހިންގި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން، އިސްތިއުމާރުކޮށްފައިވާ ބިންތަކަށް އަމާޒުކޮށް އީރާނުގެ ފަރާތުން ދޭ ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ފުރަތަމަ ބުރު މިހާރު ވަނީ ފަށާފައި" ކަމަށެވެ.
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ "މުޖުރިމު ދުޝްމަނުން، ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކަކާ ޚިލާފަށް އަދި މަޝްވަރާތައް ކުރިއަށްދަނިކޮށް، އަނެއްކާވެސް އަޅުގަނޑުމެންގެ ލޮބުވެތި ވަޒަނަށް ހަމަލާދީފައިވާ" ކަމަށެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ގައުމުގެ ހުރިހާ ގަވަރުނަރުންނަށް ވަނީ ކުރިން ދީފައިވާ އިރުޝާދުތަކަށް ސަމާލުވުމަށާއި، ޕްރޮވިންސްތަކުގެ ހާލަތު ވަގުތުން ވަގުތަށް ރިޕޯޓްކުރުމަށާއި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ހުރިހާ ވަސީލަތްތަކެއް ތައްޔާރީ ހާލަތަށް ގެނައުމަށް އަމުރުކޮށްފަ އެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނަށް އަމާޒުކޮށް އެތައް ދުވަހަކަށް ދެމިގެންދާނެ ހަމަލާތަކެއް ދިނުމަށް ރާވަމުންނެވެ. ޕެންޓަގަނުން ބުނެފައިވާ ގޮތުގައި މި އަސްކަރީ ހަރަކާތަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން އެޕިކް ފިއުރީ" އެވެ. މި ނަމާއެކު، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ މި ހަނގުރާމަވެރި ހަރަކާތަކީ އެމެރިކާގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައި ރަސްމީވެގެންދާނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިވަގުތު އިޒްރޭލުގެ ވައިގެ ސިފައިން ދަނީ ކުރިމަތިވަމުންދާ ނުރައްކާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އެ ފަރާތުން ހާމަކޮށްފައި ވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން ދަނީ އިޒްރޭލު ކިބައިން "ބަދަލުހިފުމަށް" ތައްޔާރުވަމުންނެވެ. އަދި އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، އިޒްރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، އެމެރިކާއިން މިހާރު ވަނީ އީރާނުގައި "ބޮޑެތި އަސްކަރީ އޮޕަރޭޝަންތަކެއް" ފަށާފަ އެވެ.
މިއަދު ހެނދުނު އެމެރިކާއާ އިޒްރޭލު ގުޅިގެން އީރާނަށް ދިން މިސައިލް ހަމަލާތަކާއެކު އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެ ގައުމުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ހާލުކޮޅު ރަނގަޅު ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށާއި ހަނގުރާމައަކަށް ދިޔަނުދީ ސަލާމަތްވުމަށްޓަކައި އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ސިޔާސީ ގޮތުން މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. އަދި އަންނަ ހަފުތާގައިވެސް މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްވަރާތަކުގައި އީރާނުން ބައެއް ކަންކަމުގައި ދޫދީފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ގޮތާ މެދު އޭނާ އެހާ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ، އެއްބަސްވުމެއް ގަބޫލުކުރުމަށް އީރާނުގެ ވެރިންނަށް ބާރު އެޅުމުގެ ގޮތުން އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

އެމްއޭސީއެލް ޔުނީފޯމް ވެސް ޕީއެންސީ ކުލައަށް
އިހުސާނުގެ އަނބިކަނބަލުންނާ ދަރިފުޅުގެ ވީޑިއޯ ނެގިކަމުގެ ތުހުމަތު
މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި