ދިވެހިންގެ ތެރޭގައި "ބަޖާޖު"ގެ ނަމުން މަޝްހޫރުވެފައިވާ ރޯނިތު ރޯއީއަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަގުބޫލު ނަމެކެވެ. ގިނަ އުފެއްދުންތަކެއްގައި އޭނާ ވަނީ ހިއްސާވެފަ އެވެ.

ރޯނިތުގެ ހުނަރާއެކު އޭނާއަށް ހޮލީވުޑްގެ ފުރުސަތެއް ހައްގުވާ ކަމަށް ގިނަ ބަޔަކު ބުނާއިރު ރޯނިތު ވަނީ އޭނާއަށް ލިބުނު ހޮލީވުޑްގެ ފުރުސަތު ދޫކޮށްލަން ޖެހުނު ސަބަބު މީގެ ކުރިން ބުނެދީފަ އެވެ.

އެގޮތުން އޭނާ ބުނީ ހޮލީވުޑް ފިލްމަކުން ލިބުނު ފުރުސަތު ގެއްލުނީ އޭރު ޑައިރެކްޓަރު ކަރަން ޖޯހަރު ހަދަމުންދިޔަ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ"ގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާތީ ކަމަށެވެ.

ރޯނިތު މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާގެ ފިލްމު "ޝެހެޒާދާ"ގެ ޕްރޮމޯޝަންއެއްގައި "ދަ ކަޕިލް ޝަރްމާ ޝޯ"އަށް ދިން އިންޓަވިއުއެއްގަ އެވެ.

ރޯނިތު ބުނީ އޭނާ އަށް ފުރުސަތު ލިބުނު ހޮލީވުޑް ފިލްމަކީ "އެވަޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ ކުރީގެ އަންހެނުން ކެތުރީން ބިގެލޯގެ 2012 ގެ ފިލްމު "ޒީރޯ ޑާކް ތާޓީ" ކަމަށެވެ.

"ޒީރޯ ޑާކް ތާޓީން އެއްވެސް އޮޑިޝަކާ ނުލައި ލިބުނު ރަނުގެ ފުރުސަތު އަހަންނަށް ގެއްލުނީ ސްޓޫޑެންޓް އޮފް ދި އިޔާ އަށް ސޮއިކޮށް އަހަރެންގެ ޑޭޓްތައް އެއްކޮށް ކަރަން އަށް ދީފައި އޮތީމަ. އެހެންވެ އޭނަ ގަބޫލެއް ނުވި، އޭގެ މަސައްކަތް ހުއްޓާލާފައި އަހަރެން ހޮލީވުޑްގެ ފިލްމަށް ދާކަށް،" ރޯނިތު ބުންޏެވެ.

ރޯނިތުއަކީ ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ހަރަކާތްތެރި ތަރިއެކެވެ.