އޭނާއަށް ހީވާގޮތުގައި އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލެވެފައި ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ މަގުތަކުގެ މަރާމާތުގެ މަސައްކަތް ކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށާއި އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

މުއްތަލިބު ވިދާޅުވިގޮތުގައި އައްޑޫ ސިޓީ ކައުންސިލަށް އެފަދަ މަސައްކަތްތަކެއް ނުކުރެވޭނަމަ، އޭނާއަށް ހީވަނީ އައްޑޫ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށެވެ.

"ދެން އަަޅުގަނޑު ހަމަ އެއާ އެކީ ދަންނަވާލަން ޖެހޭ، ތިޔަބޭފުޅުން ތިޔައީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބުގެ ވާހަކައިގައި މާލޭ ސިޓީ ކައުންސިލަށް ވެސް ފާޑުވިދާޅުވި އެވެ.

މާލޭގެ މަގެއް މަރާމާތު ކުރަންޖެހުނަސް އެކަން ކުރަންޖެހެނީ ސަރުކާރުން ކަމަށް ކަމަށާއި ސިޓީ ކައުންސިލަށް ކަމެއް ނުވާ ކަމަށް ވިދާޅެ މުއްތަލިބު ފާޑުވިދާޅުވި އެވެ.

"މަގެއް ހަލާކުވީމާ މަގަކަށް ކަމެއް ވީމާ ވެސް ދައުލަތުން މި ޖެހެނީ އެކަން ކޮށްލައިދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމާ އޭގެ ފައިދާއެއް ކޮބައިތޯއޭ؟ ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަދައްކާ ބައެއްގެ ގޮތުގައި؟ ކޮންކަމެއްތޯއޭ ކުރަނީ؟" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު މިހެން ވިދާޅުވިއިރު، މާލޭ ސިޓީ ކައުންސިލުން ރަސްފަންނު މަރާމާތު ކުރަން އިއުލާންކޮށްފައި ވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރަނީ ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ.