އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު، ދޮގު ވާހަތަކެއް ކަމަށް ބުނެ، އީރާނުން ވަރުގަދަ ރައްދެއް ދީފި އެވެ.

ޓްރަމްޕް އިއުލާނުކުރި ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، އީރާނުން އަތުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުމަށް އެ ގައުމުން ވަނީ އެއްބަސްވެފައި އެވެ. މި ވާހަކައާއެކު ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް މިކަމަށް ވަނީ ހުއްޓިފަ އެވެ.

ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން ވަނީ ވަރަށް ހަރުކަށި އިބާރާތުން އެވާހަކަތައް ކުށްވެރިކޮށް، އެ ކަމަށް ރައްދު ދީފައެވެ. އީރާނުގެ ރަސްމީ މަސްދަރުތަކުން ބުނި ގޮތުގައި، ޓްރަމްޕް އެ ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަތަކެކެވެ.

"އެއީ ޓްރަމްޕް ހެއްދެވި ވަރަށް ބޮޑު އިތުރުފުޅެއް. އެމެރިކާއާއެކު ނުވަތަ ޓްރަމްޕާއެކު އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ،" އީރާނުން ނެރުނު ބަޔާނުގައިވެ އެވެ.

މީގެއިތުރުން އީރާނުން މަޝްވަރާ ކުރާނީ އެ ގައުމުގެ އަމިއްލަ އުސޫލުތަކާއި ޝަރުތުތަކުގެ މައްޗަށް ކަމަށާއި، އެއްވެސް ފަރާތެއްގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

މި ހާދިސާއިން ހާމަވެގެން ދަނީ، އީރާނު ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތައް ނާކާމިޔާބުވަމުންދާ މިންވަރު ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބައި، އީރާނުން ދަނީ އެ ގައުމުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރަމުންނެވެ.

މިކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން އަދި އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ މި ރައްދަކީ ޓްރަމްޕަށް ލިބުނު ވަރުގަދަ ސިޔާސީ ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.