ދަންވަރު ގަޑީގައި ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ ރައީސް މުހައްމަދު މުއިއްޒު ގުޅުއްވި ކަމުގެ ކޯލް ލޮގް އެބަހުރި ކަމަށް ބުނެ ސުވާލެއް ކުރުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުން މިއަދު ނެރެލައިފި އެވެ.

ޝަހުޒާން ރައީސް އޮފީހުން ނެރުނީ ރައީސް މުއިއްޒުގެ އެންގެވުމަކަށެވެ.

ޝަހުޒާން ކުރި ސުވާލުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސްމީ ހައިސިއްޔަތުން އަދި ނުރަސްމީ ހައިސިއްޔަތުން ވެސް އެއްވެސް ނަހަމަ ކަމެއް ހިންގާފައިނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރި އެވެ. ރައީސް އެހެން ވިދާޅުވިއިރު، ރައީސް އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކު އޭނާއަށް ރައީސް މުއިއްޒުގެ ފަރާތުން ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ލިބިފައިވާ ކަމުގެ ތުހުމަތުކޮށްފައިވާ ކަމަށް ވެސް އެ ސުވާލު ކުރަމުން ފާހަގަކުރި އެވެ.

"އަޅުގަނޑުގެ އަތުގައި އެބައޮތް މަނިކުފާނުގެ ފޯނުން މަނިކުފާނަށް ތުހުމަތުކުރާ އަންހެން މީހާއަށް ގުޅާފަ ހުރި ކޯލްލޮގް. މަނިކުފާނު އެބަހުރި ވަރަށް ދަން ގަޑިތަކުގައި، ފަތިހުގެ ވަގުތުތަކުގައި، ޖެނުއަރީ 6 2025 އިން ފެށިގެން 29 އޭޕްރީލް 2025އާ ދެމެދު ޖުމްލަ 58 ފަހަރު ސިގްނަލް އެޕް މެދުވެރިކޮށް އަންހެން މީހާއަށް ގުޅާފަ،"

އޭގެތެރެއިން ބައެއް ގަޑިތައް އަޅުގަނޑު ފާހަގަކޮށްލާނަން. ޖެނުއަރީ 8، 2025 ގައި 1:53 ގައި، 1:54 ގައި، އަދި އެރޭގެ ފަތިހު 5:40 ގައި، ހަމައެހެންމެ ޖެނުއަރީ 9، 2025 ގެ ރޭގަނޑު 1:08 ގައި، 2:04 ގައި، 2:12 ގައި، 15 ޖެނުއަރީ 2025ގެ ރޭގަނޑު 12:39 ގައި، 16 ޖެނުއަރީ 2025ގެ ރޭގަނޑު 1:19 ގައި، 12:10 ގައި، މަނިކުފާނު އެބަހުރި ފޯނުން ގުޅުއްވާފައި،"

"އަޅުގަނޑުގެ ސުވާލަކީ އެއްވެސް ގުޅުމެއް ނެތް މުވައްޒަފަކަށް ނުގަޑިތަކުގައި މަނިކުފާނު ގުޅުއްވައި ދައްކަވަންއޮތީ ކޮން ވާހަކަތަކެއްތޯ. ދައްކަވަންއޮތީ ކޮން ވާހަކައެއްތޯ؟ ދެއްކެވީ ކޮން ވާހަކަތަކެއްތޯ؟،"

އެ ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ. އަދި ޝަހުޒާން ކޯޓް އަމުރާ ހިލާފުވެފައިވާތީ ރައީސް އޮފީހުން ނުކުތުމަށް އެންގެވި އެވެ. އަދި ރައީސް މުއިއްޒުގެ އޯޑަރަށް ސެކިޔުރިޓީން ވަނީ ޝަހުޒާން އެތަނުން ނެރެފަ އެވެ.

އެއަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ރޫލް އޮފް ލޯ މި ގައުމުގައި ހިނގާނެ ކަމަށެވެ.

ފުލުހުން ކުރާ ތަހުގީގުގައި ކަން ހިނގައިދިޔަގޮތުގެ ތަފްސީލް ހާމަކުރަން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފް އެދުމުން އެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން އެންގި އެވެ.