މިއުޒިކީ ދުނިޔޭގައި ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑް 'ބީޓީއެސް' ހޯދަމުންދާ ކާމިޔާބީތަކަށް އަނެއްކާ ވެސް އިތުރު ބޮޅެއް އިތުރު ވެއްޖެ އެވެ.

އެގޮތުން 2026 ވަނަ އަހަރުގެ ގިނެސް ވޯލްޑް ރެކޯޑްސް ފޮތުން މިވަނީ ބީޓީއެސްއަށް މިފަހަރު ހާއްސަ ޝަރަފެއް ދީފަ އެވެ. އެ ބޭންޑް މިވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި މަޝްހޫރު 'ގްލޯބަލް އައިކަންސް'ގެ ލިސްޓުގައި ހިމެނިފަ އެވެ.

މިއީ ގިނެސް ވޯލްޑް ރެކޯޑްސްގެ ތާރީހުގައި އެ ބޭންޑަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީޓީއެސްއިން ވަނީ އެތައް ސަތޭކަ ރެކޯޑް ތަކެއް މުގުރާފަ އެވެ. އޭގެ ތެރޭގައި ސްޓްރީމިންގް ރެކޯޑް ތަކާއި، ސޯޝަލް މީޑިއާގެ އެންމެ މަގްބޫލު ތަރިންގެ ލަގަބުތައް ހިމެނެ އެވެ.

ދުނިޔޭގެ ރެކޯޑްސްގެ މިއަހަރުގެ އެޑިޝަންގައި ބީޓީއެސް 'ގްލޯބަލް އައިކަން'ގެ ގޮތުގައި ކަނޑައެޅީ، އެ ބޭންޑުން ދުނިޔޭގެ ސަގާފީ މިއުޒިކް ދާއިރާއަށް ގެނައި ހެޔޮ ބަދަލުތަކާއި އެމީހުންގެ ލަވަތަކުން ޒުވާނުންނަށް ދޭ ހިތްވަރަށް ބަލައިގެންނެވެ.

މި ހަބަރާއެކު އެ ބޭންޑުގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅު ކުރަމުންނެވެ. 2026 ވަނަ އަހަރު މިފަދަ ބޮޑު ޝަރަފެއް ލިބުމަކީ، ބީޓީއެސްގެ މެމްބަރުން ވަކިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ބޭންޑުގެ ނަމާއި ނުފޫޒު ދުނިޔޭގައި އަދިވެސް ވަރަށް ވަރުގަދަކޮށް އޮތް ކަމުގެ ހެއްކެކެވެ.

ގިނެސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލުން ބުނާ ގޮތުގައި ބީޓީއެސްގެ މި ކާމިޔާބީއަކީ މިއުޒިކް ދާއިރާއަށް އައިސްފައިވާ އެންމެ ބޮޑު އެއް އިންގިލާބެވެ.

މިފަދަ ބޮޑު ޝަރަފަކާއެކު، ބީޓީއެސްއަކީ ހަމައެކަނި ކޮރެއަން ޕޮޕްގެ ތަރިންގެ ބަދަލުގައި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ބޮޑު ބާރެއްކަން މިވަނީ ސާބިތުވެފަ އެވެ.