ނޫސްވެރިންގެ ދޫތައް ބަންދުކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހަބަރެއް ލިޔުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ބުނެފި އެވެ.
ކްރިމިނަލް ކޯޓުން ލީވާނަށް އިއްވި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މިއަދު ހެނދުނު އޭނާ ވަނީ މިނިވަންވެފަ އެވެ.
ޖަލުން މިނިވަންކުރުމާއެކު މީޑިއާތަކަށް މައުލޫމާތު ދެއްމުން ލީވާން ބުނީ ހަބަރެއް ލިޔެގެން، ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާން ޖެހުމުން ފެންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ކުރިން ކުރި ކަންކަން އިއާދަވަމުންދާ ތަން ކަމަށެވެ.
ނޫސްވެރިން ލިޔާ ލިޔުމަކާ ގުޅިގެން ޖަލަށްދާން ނުޖެހޭނެކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށް އޭނާ ބުންޏެވެ.
މީޑިއާ ކޮމިޝަނުގެ ނަމުގައި ސަރުކާރުން އުފެއްދި ކޮމިޝަނަކީ ހަގީގަތުގައި ވެސް ކޮންޓްރޯލް ކޮމިޝަނެއްކަން މިއަދު ސާފުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ސަބަބަކީ ހައްގު ނޫންގޮތުގައި ނޫސްވެރިންތަކެއް ޖަލަށްލާއިރު، އެ ކޮމިޝަނުން އެކަމާ ހަނުތިބެ، ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރާތީ އެވެ.
"އޭރު ވެސް ބުނަމުންދިޔައިން ސަރުކާރުން މިއުޅެނީ ހަމަ ސީދާ އަހަރުމެންގެ ދޫތައް ބަންދުކުރަންށޭ. އެކަން އަހުރެމެން ވިޔަ ނުދޭނަން. ޖަލަށް 10 ދުވަހަށް ލާފައި މި ނެރުނީ މިއަށް ވުރެ ވަރުގަދައަށް ޖައްސާނަން،" ލީވާން ބުންޏެވެ.
ލީވާންގެ އިތުރުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވެސް ޖަލަށްލި އެވެ. އޭނާ 15 ދުވަހަށް ޖަލަށްލީ ރައީސް މުހައްމަދު މުއިއްޒު ދަންވަރު ގަޑީގައި ރައީސް އޮފީހުގެ އަންހެން މުވައްޒަފަކަށް ގުޅުއްވި ކަމުގެ ހެއްކާއެކު ސުވާލެއް ކުރުމުންނެވެ. އެ ސުވާލުކުރުމާއެކު ރައީސް މުއިއްޒު ވަގުތުން ވަނީ އެއީ ކޯޓު އަމުރާ ހިލާފުވުން ކަމަށް ކަނޑައަޅުއްވާފަ އެވެ.
ކިއުބާއަކީ އެމެެރިކާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެފި
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
ސިޓިންރޫމްގެ ފުރިހަމަކަން ގެއްލުވާލާ އާއްމު 5 ގޯހެއް!
