ގުދުރަތީ ރީތިކަމަށް ލޯބިކުރާ ކޮންމެ މީހެއްގެވެސް "ބަކެޓް ލިސްޓް" ގައި ހިމެނުން މަޖުބޫރު އެއް ތަނަކީ ކްރޮއޭޝިއާގެ މަޝްހޫރު ޕްލިޓްވިސޭ ލޭކްސް ނޭޝަނަލް ޕާކް އެވެ.
މިއީ ޔޫރަޕްގައިވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ނޭޝަނަލް ޕާކެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ މި ތަނަކީ ކަނޑުގެ ނޫކުލައާއި، ފެހިކަން ގަދަ ޖަންގަލިތަކާއި، އަދި އޮހެމުންދާ ހިތްގައިމު ފެންއާރުތަކުގެ ޖާދުވީ ދުނިޔެ އެކެވެ.
16 ފެންގަނޑާއި އަދަދު ނުކުރެވޭ ގިނަ ފެންއާރުތައް
މި ޕާކުގެ އެންމެ ހާއްސަ ސިފައަކީ އެކިއެކި ފަންތިތަކަށް) ބެހިފައިވާ 16 ކުދި އަދި ބޮޑެތި ފެންގަނޑެވެ. މި ފެންގަނޑުތައް އެއްވެފައިވަނީ އެއް ފަންތިން އަނެއް ފަންތިއަށް އޮހޭ ހިތްގައިމު ފެންއާރު ތަކުންނެވެ.
ފެންގަނޑުތަކުގެ ކުލަ ދުވަހުގެ ވަގުތަށާއި، އަލި އެޅޭ ގޮތަށާއި، އަދި ފެނުގައި ހުންނަ މިނަރަލްސްއަށް ބަލައި ސާފު ނޫކުލައިން ފެށިގެން ފެހި އަދި އެމެރަލްޑް ކުލައަށް ބަދަލުވަމުންދެ އެވެ.
ލަކުޑި ފާލަންތަކުގެ މަތިން ހިނގާލުން
ޕާކުގެ ތެރޭގައި ދަތުރު ކުރުމަށް ހަދާފައިވާ ލަކުޑި ފާލަންތަކަކީ މި ދަތުރުގެ އެންމެ އަޖައިބު ކުރުވަނިވި އެއް ތަޖުރިބާ އެވެ. ފެންގަނޑުތަކުގެ ސާފުކަމުން އޭގެ އަޑީގައިވާ މަސްތަކާއި ގާތައް ވަރަށް ފުރިހަމައަށް ފެންނަން ހުރެ އެވެ.
ފެންގަނޑުތަކުގެ މަތިންނާއި ފެންއާރުތަ ކުގެ ކައިރިން ހިނގާފައި ދާއިރު، ކަންފަތުގައި ޖެހޭ ފެނުގެ އަޑުން ހިތަށް ބަޔާން ކުރަން އުނދަގޫ ހަމަޖެހުމެއް ލިބިގެންދެ އެވެ.
ޕާކު ބަލާލުމަށް ތަފާތު ދިގުމިނުގެ ރޫޓުތައް ކަނޑައެޅިފައި ވާއިރު، ބައެއް ސަރަހައްދުތަކުގައި ދަތުރު ކުރުމަށް ހިލޭ ބޭނުންކުރެވޭ އިލެކްޓްރިކް ބޯޓާއި ބަހުގެ ހިދުމަތް ވެސް ލިބެ އެވެ.
ޕްލިޓްވިސޭ ލޭކްސްގެ ގުދުރަތީ ވެށި ހިމާޔަތްކުރުމަށްޓަކައި، ފެންގަނޑުތަކަށް އެރުމާއި ފެތުމަކީ މަނާ ކަމެކެވެ. އެހެންކަމުން މިއީ ހަމައެކަނި ބަލާލައި، ފޮޓޯ ނަގައި، ހިތްހަމަ ޖައްސާލަން އޮތް ސަރަހައްދެކެވެ.
ޔޫރަޕަށް ދަތުރެއް ރާވާލާއިރު މިއީ ހަމަ ހަގީގަތުގައި ވެސް ދޫކޮށްލެވޭ ވަރަށްވުރެ މާ ރީތި، ޖާދުވީ މަންޒިލެކެވެ. އަވަހަށް ބަކެޓް ލިސްޓުގައި ހިމަނާލާށެވެ.