ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "މާތުރުބޫމީ"ގެ ފުރަތަމަ ރިވިއުތައް ތިލަވާން ފަށައިފި އެވެ. ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސުބާޝް ގާއީ މި ފިލްމު ބެލުމަށްފަހު މިއީ ހަމަ ކޮންމެހެންވެސް ބަލަންޖެހޭ ފަދަ މޮޅު ފިލްމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ބޮލީވުޑްގައި އެތައް ކާމިޔާބު ފިލްމު ތަކެއް އުފައްދާފައިވާ ސުބާޝް މި ފިލްމުގެ ހާއްސަ ސްކްރީނިންގްއެއް ބެލުމަށްފަހު އޭނާގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

އޭނާ ބުނި ގޮތުގައި "މާތުރުބޫމީ" އަކީ ހަމައެކަނި މުނިފޫހިފިލުވައިދޭ ފިލްމެއް ނޫނެވެ. މިއީ ވަރަށް ވަރުގަދަ އަސަރުގަދަ އަދި މުޖުތަމައަށް މުހިންމު މެސެޖެއް ދޫކޮށްލާ ސިނަމެޓިކް "މާސްޓަޕީސް" އެކެވެ.

ސަލްމާން ހާން މިފަދަ ފިލްމެއް ޕްރޮޑިއުސްކޮށް، އޭގެ ފަހަތުގައި ހުރުމަކީ ފިލްމުގެ އަގު އެތައް ގުނައެއް އުފުލިގެން ދިޔަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީފިލްމުގެ މައިގަނޑު ރޯލުން ފެންނަ ބަތަލާ ޗިތުރަންގަދާ ސިންގްގެ އެކްޓިންގް އެވެ. އޭނާގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.

ރިވިއުތައް ބުނާގޮތުން، އޭނާ މި ފިލްމުގައި ދައްކުވައި ދީފައިވަނީ އޭނާގެ ކެރިއަރުގައި ވެސް މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ އަދި އަސަރުގަދަ އެއް ކެރެކްޓަރެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ ގައުމިއްޔަތާއި އަންހެނުންގެ ހިތްވަރާއި އަމިއްލަ ފަސްގަނޑަށް އޮންނަ ލޯތްބާ ގުޅުން ހުރި އިހުސާސްތަކެއްގެ މައްޗަށެވެ.

ސަލްމާން ހާންގެ ފިލްމުތަކަކީ އާންމުކޮށް ގިނަ "އެކްޝަން" އަދި "މާސް" އެންޓަޓެއިނަރުންގެ ގޮތުގައި ފެންނަ އެއްޗެހި ނަމަވެސް، "މާތުރުބޫމީ" އަކީ ތަފާތު ގޮތަކަށް މާނަފުން ވާހަކައެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގެ ނަމުންވެސް (މާތުރުބޫމީގެ މާނައަކީ މާދަރީ ފަސްގަނޑު) މިއީ ގައުމީ އަދި އިޖުތިމާއީ ރޫހެއް އެކުލެވޭ ފިލްމެއްކަން ހާމަވެ އެވެ. އެއާއެކު ސަލްމާން ޚާންގެ ނަމާއި އޭނާގެ ސަޕޯޓާއެކު މި ފިލްމަށް އޮތް ހައިޕް ވަނީ ވަރަށް ބޮޑުވެފަ އެވެ.ފު

ސިނަމާގެ ބޮޑެތި މާހިރުންގެ ފަރާތުން ލިބުނު ފުރަތަމަ ގްރީން ސިގްނަލްއާއެކު، ބޮކްސް އޮފީހުގައި މި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެ އެވެ.

ފުރަތަމަ ރިވިއުއިންވެސް ބެލުންތެރިންގެ ހިތްތައް ކަތިލާފައިވާ "މާތުރުބޫމީ" ސިނަމާތަކަށް އަންނާނެ ދުވަހަކަށް ސަލްމާންގެ ފޭނުން މިހާރު ތިބީ ކެތް މަދުވެފަ އެވެ