ކޭންސް ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެނުނު ސިފައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިއުންތަކާއި ހޭޓް ކޮމެންޓްތައް އަމާޒުވި ބޮލީވުޑްގެ ތަރި އިޝްވަރިޔާ ރާއީ ބައްޗަންގެ ދިފާއުގައި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ވާހަކަ ދައްކައިފި އެވެ.
އައިޝްވަރިޔާއަކީ ފާއިތުވި 20 އަހަރަށްވުރެ ގިނަ ދުވަހު ކޭންސް ފިލްމު ފެސްޓިވަލްގައި ގަވާއިދުން ބައިވެރިވަމުން އަންނަ ތަރި އެކެވެ. ނަމަވެސް، މިއަހަރުގެ ފެސްޓިވަލްގެ ރެޑް ކާޕެޓުން އޭނާ ފެނުނު ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ވުމާއެކު، އޭނާގެ ހަށިގަނޑުގެ ބައްޓަމަށާއި ސިފައަށް ފާޑުކިޔައި، ގިނަ ބަޔަކު ވަނީ އޭނާ "ބޮޑީ-ޝޭމް" ކޮށްފަ އެވެ.
މިކަމާ ގުޅިގެން 'ދޭވްދާސް' ފިލްމުގައި އައިޝްވަރިޔާާއެކު މަސައްކަތް ކުރި މަދޫރީ ބުނީ އައިޝްވަރިޔާ އަކީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ ތަމްސީލުކޮށް ގައުމަށް ބޮޑު ޝަރަފެއް ހޯދައިދީފައިވާ ދުނިޔޭގެ ފެންވަރުގެ ތަރިއެއް ކަމަށެވެ. އަދި އޭނާގެ ސިފައަށް ބަލައި ފާޑުކިއުމަކީ ޒުވާނުންނަށް ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށްވެސް މަދޫރީ ފާހަގަކުރި އެވެ.
"އޭނާ އެ ފެސްޓިވަލަށް ދާތާ 20 އަހަރު ވެއްޖެ. އޭނާ ވަނީ މުޅި ގައުމު ފަހުރުވެރި ކޮށްދީފައި. މިސް ވޯލްޑެއްގެ ހައިސިއްޔަތުންވެސް ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދިން. ބަރުދަން ބަލާ ކައްޓާއަކުން ދައްކާ ނަންބަރަކަށް، ނުވަތަ ހެދުމުގެ ސައިޒަކަށް، ނުވަތަ ކަލަންޑަރުގެ އަހަރުތަކަކަށް އޭނާގެ އަގު ތިރިއެއް ނުކުރެވޭނެ. އޭނާއަކީ ބޭރުފުށުންނާއި އެތެރެ ފުށުން ވެސް އެހާމެ ރީތި މީހެއް"މަދޫރީ ބުންޏެވެ.
މަދޫރީ އިތުރަށް ބުނިގޮތުގައި ސޯޝަލް މީޑިއާގައި މިފަދަ ނެގެޓިވް ވާހަކަތައް ދެއްކުމުން ޒުވާނުންނަށް ވިސްނޭނީ މީހެއްގެ އަގު ވަޒަން ކުރެވެނީ ފެންނަ ސިފައަށް ބަލައިގެން ކަމަށެވެ. ނަމަވެސް ހަގީގަތުގައި މީހެއްގެ އަގު ވަޒަންކުރަންޖެހޭނީ އެމީހެއްގެ ކާމިޔާބީތަކަށް ބަލައިގެންނެވެ.
މި ދުވަސްވަރު ސޯޝަލް މީޑިއާގެ ޝިކާރައަކަށްވީ ހަމައެކަނި އައިޝްވަރިޔާއެއް ނޫނެވެ. ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ އާ ފިލްމު "ޗާންދް މޭރާ ދިލް"ގައި ހިމެނޭ ނެށުމެއްގެ ސަބަބުން އޭނާއަށްވެސް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.
މިކަމާ ބެހޭގޮތުން މަދޫރީއާއެކު ނެޓްފްލިކްސްގެ އާ ފިލްމު "މާ ބެހެން" އިން ފެނިގެންދާ ބަތަލާ ތުރިޕްތީ ދިމްރީ ބުނީ، ގޭގައި ހަމަޖެހިލައިގެން ތިބެ ސޯޝަލް މީޑިއާގައި މީހުންނަށް ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފިލްމީ މަސައްކަތްތަކަށް ފާޑުކިއުމަކީ ބެލުންތެރިންނަށް ލިބިގެންވާ ހައްގެއް ނަމަވެސް، އެކަންކަން ތަރިންގެ ޒާތީ ކަންކަމާ ގުޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އީރާނުން އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލައިފި
ހަނގުރާމައާ ހެދި ރަސްމާލެ މަސައްކަތް ކުރަން އުނދަގޫ: ރައީސް
އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ޖޫން 8 ގައި