މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަސް މަހު 966،358 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވޭ. މިއަހަރު ފުރަތަމަ ފަސް މަހު ޒިޔާރަތް ކޮށްފައި ވަނީ 921،115 ޓޫރިސްޓުން. މިއީ 4.7 ޕަސެންޓްގެ ދަށްވުމެއް.

މިދިޔަ މޭ މަހު އައި ޓޫރިސްޓުންގެ އަދަދު ތިން ޕަސެންޓް އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 139،746 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އައިސްފައި ވަނީ 135،614 ޓޫރިސްޓުންނެވެ. މިއީ ތިން ޕަސެންޓްގެ ކުރިއެރުމެކެވެ. މޭ މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،100 ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މޭ މަހު އައި ޓޫރިސްޓުން އަދަދު އިތުރުވި ނަމަވެސް އަހަރުގެ މިހާތަނަށް އައި ޖުމްލަ ޓޫރިސްޓުން އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު މިއަހަރު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަސް މަހު 966،358 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއަހަރު ފުރަތަމަ ފަސް މަހު ޒިޔާރަތް ކޮށްފައި ވަނީ 921،115 ޓޫރިސްޓުންނެވެ. މިއީ 4.7 ޕަސެންޓްގެ ދަށްވުމެކެވެ.

އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ޓޫރިސްޓުން އަދަދު ދަށްވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓުތައް މެދުކެނޑުމާ ގުޅިގެންނެވެ. މިހާރު ބައެއް އެއާލައިންތައް މަޑުމަޑުން އަލުން ދަތުރުތައް ފަށާފައިވީ ނަމަވެސް އެޕްރީލް އަދި މާޗު މަހު ހަނގުރާމައިގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް ފޯރާފައިވެ އެވެ. އަދި ބައެއް އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރާ މިންވަރު ވަނީ މަދުކޮށްފަ އެވެ.

މިދިޔަ އޭޕްރީލް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25.5 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި މާޗު މަހު މިއަދަދު 20.7 ޕަސެންޓް ދަށްވެފައިވެ އެވެ.