ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރިތޭޝް ދޭޝްމުކް ހިންދީ އަދި މަރާތީ ސިނަމާއަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއަށް ހާއްސަ ޝަރަފެއް އަރުވައިފި އެވެ.

މި ޝަރަފު އޭނާއަށް އަރުވާފައިވަނީ އޭނާގެ ބައްޕަ އަދި މަހާރާޝްތުރާގެ ކުރީގެ ޗީފް މިނިސްޓަރު ވިލާސްރާއޯ ދޭޝްމުކްގެ އުފަންދުވަހާ ދިމާ ކޮށެވެ.

ރިތޭޝްއަށް މި އެވޯޑު ހަވާލު ކޮށްދެއްވީ މަހާރާޝްތުރާގެ މިހާރުގެ ގަވަރުނަރެވެ. ބައްޕަގެ އުފަން ދުވަހާ ދިމާކޮށް ލިބުނު މި ޝަރަފަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ އަސަރުގަދަ އަދި ފަހުރުވެރި އެއް ކާމިޔާބީ ކަމަށް ރިތޭޝް ވަނީ ބުނެފަ އެވެ.

މި ހަފްލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ރިތޭޝް ވަނީ އޭނާގެ ބައްޕައަށް ނުހަނު އަސަރުގަދަ މެސެޖެއް ދީފަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ބައްޕަ ދިން ހިތްވަރާއި ތަރުބިއްޔަތެވެ.

މިފަދަ ދުވަހެއްގައި މިފަދަ ޝަރަފެއް ލިބުމަކީ ބައްޕަގެ ހަނދާންތަކަށް ދެވުނު އެންމެ ރީތި ހަދިޔާ ކަމުގައި އޭނާ ސިފަކުރި އެވެ.

ބޮލީވުޑްގެ ކޮމެޑީ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރިތޭޝް އަކީ މަރާޓީ ސިނަމާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ.

އެގޮތުން އޭނާ ޕްރޮޑިއުސްކުރި "ލައި ބާރީ"އާއި އޭނާ އަމިއްލައަށް ޑައިރެކްޓްކޮށް ބަތަލުގެ ބައިވެސް ކުޅުނު ބްލޮކްބަސްޓާ ފިލްމު "ވެޑް"އަކީ މަރާޓީ ސިނަމާގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ތަކެކެވެ.

މި ހަފްލާގައި ރިތޭޝްގެ އަންހެނުން ޖެނީލިއާ ޑިސޫޒާ އާއި އޭނާގެ އާއިލާގެ މެންބަރުން ބައިވެރިވި އެވެ. ފިލްމީ ދާއިރާގެ ގިނަ ތަރިންނާއި ސަޕޯޓަރުން ދަނީ ރިތޭޝްއަށް ލިބުނު މި ބޮޑު ޝަރަފަށްޓަކައި އޭނާއަށް މަރުހަބާ ކިޔަމުންނެވެ.