މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގުގެ ހާލަތު އިންތިހާއަށް ދަށްވެ ދުއްވާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާއިރު، އެ މަގުގައި އަލުން ތާރު އަޅަން ފެށޭނެ ދުވަހެއް ނޭނގި ލަސްވަމުންދާތީ އާންމުން ކަންބޮޑުވެއްޖެ އެވެ.

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރަން ފެށުން ލަސްވަނީ ހައުސިން މިނިސްޓްރީން އެ މަސައްކަތުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހިފައިވާތީ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަމީނީ މަގުގެ ހުޅަނގު ފަރާތުގެ ހާލަތު އިންތިހާއަށް ދަށްވެ، ދުއްވާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

މީގެ ދެ މަސް ކުރިން އާރުޑީސީން ބުނެފައި ވަނީ މި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް މިއަދު ނަޒީމް ވިދާޅުވީ އަމަލީ މަސައްކަތް ފެށުން ލަސް ވަނީ ސަރުކާރުގެ އިދާރީ މަރުހަލާތަކުގެ ތެރެއިން، އިންފްރާސްޓްރަކްޗާ މިނިސްޓްރީން މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް ގެންނަން ވިސްނަމުންދާތީ ކަމަށެވެ.

ނަޒީމް ފާހަގަކުރެއްވި ގޮތުގައި މިނިސްޓްރީން އެދިގެން ބޭނުންވާ ހުރިހާ ތަފުސީލުތަކެއް އާރުޑީސީން ތައްޔާރުކޮށް ފޮނުވާފައިވީ ނަމަވެސް، މިނިސްޓްރީގެ ފަރާތުން އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް މިހާރު ކުރިއަށްދާ ބޮޑު ސާވޭގެ ތެރެއަށް، އަމީނީމަގުގެ މި ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ފައްތާށެވެ.

އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓްގައި (ފުޑްކޯޓު ބިއްދޮށުގައި) ތާރުއަޅައި ނިންމައިލީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅުގަ އެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު "ރާޅުބާނި" ތަކެއްހެން އުފުލި، ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ފަދަ ނުރައްކާތެރި ތަނަކަށް މަގު ވަނީ ބަދަލުވެފަ އެވެ.

މިދިޔަ ސެޕްޓެންބަރު މަހު މިކަން ހައްލުކުރަން ކޮންމެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް، ފަހުން އެ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފަ އެވެ. މަގުގެ ދެ ފަރާތުން ތާރުގަނޑު އެގޮތަށް އުފުލިފައި ހުރުމުގެ ސަބަބުން ސައިކަލުތަކުން ކަހާލައިގެން ވެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މާލޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއެއް ހަލުވިކަމާއެކު ކުރިއަށް ގެންދެ އެވެ. އެހެންނަމަވެސް އަމީނީމަގުގެ މި ނާޒުކު ސަރަހައްދުގެ މަރާމާތު މިނިސްޓްރީގެ ފައިނަލް ނިންމުމެއް ނުލިބި ލަސްވަމުންދާތީ އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.